ކުރިއަށް ތިން މަސް ދުވަހުގެ ތެރޭގައި ފްލައިޓްގައި ބަލި މީހުން އުފުލޭނެ ގޮތް ހެދުމަށް މަންޓާ އެއާ އާއި ފްލައިމީއަށް ޓްރާންސްޕޯޓް މިނިސްޓްރީން އަންގައިފިއެވެ.
މަންޓާ އެއާ އާއި ފްލައިމީ އިން ކުރިޔަށް އޮތް ތިންމަހުގެ ތެރޭގައި ބަލިމީހުން އުފުލޭނެ އިންތިޒާމު ހަމަޖައްސަން އެ ދެ އެއާލައިން އޮޕަރޭޓް ކުރާ ފަރާތްތަކަށް އެންގުމަށް ސިވިލް އޭވިއޭޝަނަށް މެމޯއަކުން މިނިސްޓްރީއިން މިހާރު އަންގަވާފައިވާ ކަމަށް ޓްރާންސްޕޯޓް އޮފިޝަލަކު ބައެއް މީޑިއާތަކަށް ވަނީ ވިދާޅުވެފައެވެ. އަދި އެކަން ނުކޮށްފިނަމަ ފިޔަވަޅު އަޅަން މިނިސްޓްރީއިން ވަނީ ނިންމާފައެވެ.
ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ތެރެއިން ބަލި މީހުން އުފުލަނީ ގައުމީ އެއާލައިން މޯލްޑިވިއަންއިންނެވެ.
މިނިސްޓްރީއިން މަންޓާ އަދި ފްލައިމީއަށް އެކަން އެގޮތަށް ކުރުމަށް އަންގާފައިވަނީ މަންޓާ އެއާލައިންއިން ދ. ކުޑަހުވަދޫ ބަލިމީހަކު މާލެ ނުގެނެސްދިން މައްސަލަ ހޫނުވެ މިދިޔަ ހޯމަ ދުވަހުން ފެށިގެން މުޒާހަރާކުރުމުން އަންނަނިކޮށެވެ.
މަންޓާ އިން ބަލި މީހަކު ގެންގޮސް ނުދޭ ކަމަށް ބުނެ ކުޑަހުވަދޫ ރައްޔިތުން ހިތްހަމަނުޖެހިފައި ތިބި އިރު، މަންޓާއިން ބުނެފައި ވަނީ އެކުންފުނިން ބޭނުންކުރާ އޭޓީއާރް މަރުކާގެ ބޯޓުތައް ފަރުމާކޮށްފައި ހުންނަނީ ސްޓްރެޗާ އެރުވޭ ގޮތަށް ނޫން ކަމަށެވެ. އެހެންކަމުން އޭގައި ބަލި މީހުން ނޫފުލޭނެ ކަމަށް ބުނެފައިވެއެވެ.