ރާއްޖެއަށް މި ވަގުތު ކުރަމުންދާ މޫސުމީ ވިއްސާރައިގައި މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައި ގަދަވެ ކަނޑުތައް ވެސް ގަދަ ވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން މެޓް އޮފީހުން ބުނީ، ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ރާއްޖެގޭ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރާ އިރު ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް މެޓް އޮފީހުން ލަފާ ކުރެއެވެ.

އުތުރާއި މެދުރާއްޖެތެރެއަށް ކަނޑުތައް ގަދަވާ އިރު، އެ ސަރަހައްދުގެ ރަށްތަކަށް އުދަ އަރާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާ ކޮށްފައެވެ.

ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ހާއްސަކޮށް ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑު ދަތުރުފަތުރު ކުރާ އިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އެ އިދާރާއިން ވަނީ ނަސޭހަތް ތެރިވެފައެވެ.

މިއަދުގެ މޫސުމަށް ބަލާއިރު، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެތް އޮފީހުން ބުނެއެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށާއި ކަނޑު އާންމު ގޮތެއްގައި ގަދަވާނެ ކަމަށް މެތް އޮފީހުން ބުނެއެވެ. މީގެ އިތުރުން، 4 ފޫޓާއި 7 ފޫޓާ ދެމެދަށް ރާޅު އުފުލޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.