ހ.ސަހަރާގެ ހުޅަނގު ފަރާތުގައި ހުރި ގަހެއް ވެއްޓި މީހުން ދިރިއުޅޭ ދެ ގެއަކަށާއި ވެހިކަލްތަކަކަށް ގެއްލުން ވެއްޖެއެވެ.

އެމްއެން ޑިއެފުން ބުނީ، މި ހާދިސާ ހިނގާފައި ވަނީ ރޭ މެންދަމު 2 ޖަހާކަށް ހާއިރު ކަމަށެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމެއް އެ ސަރަހައްދަށް ގޮސް ރޭ މެންދަމު 02:12 ހާއިރުން ފެށިގެން ދިޔައީ ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެގޮތުން، ސިފައިންގެ ޓީމުން ކުރި މަސައްކަތުން ގަހުގެ ބައިތައް ކީހައި، އެ ސަރަހައްދުން ގަސް ނަގައި ސާފުކޮށްފައި ވަނީ މިއަދު ހެނދުނު 07:53 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ގަސް ވަނީ ބުޑުން ލުހިގެން މަގުމައްޗަށް ވެއްޓިފައެވެ. އޭގެ ސަބަބުން އެ ސަރަހައްދުގައި މީހުން ދިރިއުޅޭ ދެ ގެއެއްގެ ފުރާޅަށާއި މަގުމަތީގައި ޕާކުކޮށްފައި ހުރި ބައެއް ވެހިކަލްތަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.