ޑެންގޫ ހުން ޖެހިގެން ހާލު ސީރިއަސްވި އަހަރެއް ނުވާ ކުޑަކުއްޖަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
އައިޖީއެމްއެޗް ގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެޔާޕާސަން ޑރ. އަހުމަދު ފައިސަލް ވިދާޅުވީ ޑެންގޫ ހުން ޖެހިގެން ހާލު ސީރިއަސްވީ ދެ ކުއްޖަކު މީގެ ތިން ދުވަސް ކުރިން ވެސް އައިސީޔޫއަށް ލީ ނަމަވެސް އެ ދެ ކުދިންގެ ހާލު ރަނގަޅުވެ ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ޑރ. ފައިސަލް ވިދާޅުވީ ރޭގައި އައިސީޔޫއަށް ލީ ކުޑަކުއްޖާގެ އުމުރުން އަހަރެއް ވެސް ނުވާ ކަމަށާއި އެ ކުއްޖާ ހޮޑުލާއިރު ލޭ އަންނާތީ ލޭ ވެސް އަޅަން ޖެހުނު ކަމަށެވެ. އަދި ޑެންގޫ ހުން ޖެހިގެން މި އަހަރު އެއް ކުއްޖަކު މަރުވެފައިވާއިރު ޑރ. ފައިސަލް ވަނީ މަދިރި އާލާވިޔަ ނުދިނުމަށާއި ހެފިޔަ ނުދިނުމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.
ޑެންގޫ ހުން ޖެހުމުގެ ސަބަބުން ބޮޑަށް ނުރައްކާ ވަނީ އެއް އަހަރުން ދަށުގެ ކުޑަ ކުދިންނަށާއި ދުވަސްވީ މީހުންގެ އިތުރުން މާބަނޑު މީހުންނާއި އިތުރު އެހެން ބައްޔަކަށް ބޭސް ކުރަމުން އަންނަ މީހުންނަށެވެ.
މިދިޔަ ޖޫން މަހު 294 މީހަކަށް ޑެންގޫ ހުން ޖެހިފައިވާއިރު އެޗްޕީއޭއިން ވަނީ ޑެންގީ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލި ޖެހިއްޖެނަމަ ރައްކާތެރިވުމުގެ ގޮތުން އިތުރު ސަމާލުކަން ދިނުން މުހިންމު ކަމަށެވެ.