ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ މޫސުމާ ބެހާ ގައުމީ އިދާރާ (މެޓް)އިން ރީނދޫ އެލާޓު ނެރެފިއެވެ.
ގަޑިއިރަކު 25 މޭލާއި 30 މޭލަށް ދެމެދު ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދެވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ އެލާޓު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން އދ އަތޮޅަށެވެ.
މިއަދު ހަވީރު 4:30 އިން ރޭނގަނޑު 8:30 ގެ ނިޔަލަށް އެ އަތޮޅުތަކަށް ރީނދޫ އެލާޓު ނެރެފައިވާއިރު އިއްޔެ ވެސް މެޓް އޮފީހުން ވަނީ މި އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ އެލާޓު ނެރެފައެވެ.
މެޓުން އަންނަނީ މި ދުވަސްތަކުގައި މޫސުން ގޯސްވެ، ކަނޑުގަދަވާނެ ކަމަށް ލަފާކޮށް އެކަންކަމަށް ސަމާލުވުމަަށް އިލްތިމާސްކޮށްފައެވެ.
މެޓް އޮފީހުން ވަނީ މި ވިއްސާރައިވައި ހާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވުމާއިއެކު ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް ބުނެފައެވެ. އަދި ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.
ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް މެޓު އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.