ރާއްޖޭގައި މިހާރު ހިންގާ މަޝްރޫއުތައް ނިންމުމަށްޓަކައި އިންޑިއާއިން ލައިން އޮފް ކްރެޑިޓްގެ ދަށުން 100 މިލިއަން ޑޮލަރުގެ ލޯނެއް ރާއްޖެއަށް ދޭން ނިންމާފައިވާ ކަމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީގެ ދައުވަތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ އިންޑިއާ އަށް ވަޑައިގެންފައިވާއިރު، މިއަދު ރައީސް ވަނީ މޯދީ އާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމަށް ފަހު ބޭއްވި ޖޮއިންޓް ޕްރެސްގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، ވޭތުވެދިޔަ މަދު އަހަރުތަކުގެ ތެރޭގައި، ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮންނަ ޒަމާންވީ ރަހްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެން ހިނގައްޖެ ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މާލެ ސަރަހައްދުގައި ސަރުކާރުން އަޅާ 4،000 ހައުސިން ޔުނިޓުގެ ތެރެއިން އިންޑިއާ ސަރުކާރުން 2،000 ހައުސިން ޔުނިޓުގެ މަސައްކަތަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމަވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ނިންމައިފިން، 100 މިލިއަން ޑޮލަރުގެ އިތުރު ލައިން އޮފް ކްރެޑިޓެއް ރާއްޖެއަށް ދިނުމަށް، އޭރުން ރާއްޖޭގެ ހުރިހާ މަޝްރޫއެއް ވަގުތަށް ނިމިގެން ދާނެ." މޯދީ ވިދާޅުވިއެވެ.

އޭގެ އިތުރުން، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ޓެރަރިޒަމާއި ޑްރަގް ޓްރެފިކިން ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްކަން ފާހަގަކުރައްވައި، މޯދީ ވިދާޅުވީ، ޑިފެންސާއި ސެކިއުރިޓީގެ ރޮނގުން ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވުމަކީ އެފަދަ ކަންކަން ހުއްޓުވައި، އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ހަމަޖެހުން ގެނައުމަށް މުހިންމު ކަމެއް ކަމަށެވެ.

އަދި ދެ ގައުމުގެ ދެމެދުގައިވާ ގުޅުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް ފައިދާވުމުގެ އިތުރުން، ދެ ގައުމުގެ ގުޅުމުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަރަހައްދަށް ހަމަޖެހުން ލިބިގެން ދާނެ ކަމުގައި ވެސް ވިދާޅުވިއެވެ.

މޯދީގެ ވާހަކަފުޅު ނިންމާލައްވަމުން ވަނީ، ރާއްޖެއަށް ދިމާވާ ކޮންމެ ފަދަ ދައްޗަކުން އަރައިގަތުމަށްޓަކައި އިންޑިއާ އިން އަބަދުވެސް އެހީތެރިކަން ދެމުން ގެންދާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ރައީސް އިންޑިއާ އަށް ވަޑައިގެންފައި ވަނީ މޯދީގެ ދައުވަތަކަށް، ރަސްމީ ދަތުރުފުޅެއްގައި މިމަހުގެ 1 އިން 4 އަށެވެ. އެ ދަތުރުފުޅުގައި މޯދީގެ އިތުރުން، އިންޑިއާ ސަރުކާރުގެ އިސްބޭފުޅުންނާ ވެސް ބައްދަލުކުރައްވައި، ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.