ދިވެހި ފުލުހުންނާއި މާލެ ސިޓީ ކައުންސިލާ ދެމެދު ވެފައިވާ ސްޕެޝިއަލް ކޮންސްޓެބިއުލަރީ ހިދުމަތް ދިނުމުގެ އެއްބަސްވުމުގެ ދަށުން މިއަދު އެ ހިދުމަތް މާލެ ސަރަހައްދުގައި ދޭން ފަށައިފިއެވެ.
40 ފުލުހުންނާއެކު ފެށި އެ ހިދުމަތް އެ ހިދުމަތާ ގުޅޭ އޮރިއެންޓޭޝަން ސެޝަންތައް ނިންމާލުމަށް ރޭ މާލެ ސިޓީ ކައުންސިލްގެ މީޑިއާ ސެންޓަރުގައިި ބޭއްވި ބައްދަލުވުމުގައި އިންސްޕެކްޓަރު މުހައްމަދު ލުތުފީ ވިދާޅުވީ މާލެ ސިޓީ ކައުންސިލުން އިސްވެ އަނެއްކާ ވެސް މި މަސައްކަތް ކުރަން ފުލުހުންނަށް ހުށަހެޅުމަކީ ވަރަށް ވެސް ބޮޑު ލުއި ފަސޭހަތަކެއް ފުލުންނަށް އަދި އާންމުނަށް ވެސް ލިބިގެންދާނެ ކަމެއް ކަމަށެވެ.
މަގުމަތީގައި އުޅޭ މީހުންނަށް އުނދަގޫވެ ނުރައްކާވާ ގޮތަށް ހަދާ އިމާރާތްތަކާއި އިމާރާތްތަކުގެ ޓެރަސް ފަދަ ތަންތަނާއި ބެލްކަނީތަކުގައާއި ގޭގޭގެ ފާރުމަތީގައި ތަކެތި ބެހެއްޓުމާއި ރައްޔިތުންނަށް އުނދަގޫވާނެ ގޮތަށް އާންމު ތަންތަނުގައި ތަކެތި ބަހައްޓައިގެން ވިޔަފާރިކުރުން ފަދަ ކަންކަމުގައި ފުލުހުން ފިޔަވަޅު އަޅުމަށް ވަނީ ހަމަޖެހިފައެވެ.
ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފޮލިހާއެކު ސިޓީ ކައުންސިލުން ސޮއިކުރި ކޮންސްޓަބްލަރީ އެއްބަސްވުމުގެ ދަށުން ކޮންސްޓަބްލަރުންނަށް ވެސް މުސާރަ ދިނުމަށް ހަމަޖެހިފައިވަނީ ކައުންސިލްގެ އާމްދަނީ ފައިސާއިން ކަމަށާއި ފޮލިސް ކޮންސްޓަބްލަރުން މިހާރު އެކަމަށް ބޭނުންވާ ތަމްރީން ނިންމާފައިވާ ކަމަށެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ އެ މިސްކިތްތައް ބެލުމާއި ޕާކްތަކާއި މަގުތައް ބެލުމަށް 40 އަކަށް ޕޮލިހުން ތިބީ ތައްޔާރުވެފާ ކަމަށެވެ.