މިދިޔަ މޭ މަހު ކުޑަކުދިންގެ 126 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށައަޅާފައިވާ ކަމަށް އެ މިނިސްޓްރީއިން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޖޫން މަހު ޖުމްލަ 248 މައްސަލަ އެ މިނިސްޓްރީއަށް ހުށަހަޅާފައި ވާއިރު އޭގެ ތެރެއިން ކުޑަކުދިންނަށް ކުރާ އަނިޔާގެ 126 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.
ކުޑަކުދިންގެ އަނިޔާގެ މައްސަލަތަކުގައި ޖޫން މަހު އިހުމާލުގެ މައްސަލަތައް ގިނައިރު އެ ބާވަތުގެ 28 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. އަދި ކުޑަކުއްޖަކަށް ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 27 މައްސަލައަކާއި ނަފްސާނީ ހާނިކައިގެ 26 މައްސަލައަކާއި ޖިންސީ ހާނިކައިގެ 24 މައްސަލައެއް ވެސް އެ މަހުގެ ތެރޭގައި ވަނީ ހުށަހަޅާފައެވެ. އަދި ޖިސްމާނީ ހާނިކައިގެ 16 މައްސަލައަކާއި އެހެން ކުދިންގެ ފަރާތުން އިންޓާނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ ދެ މައްސަލައަކާއި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ އެއް މައްސަލަ ވެސް އެ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން ނަހަމަގޮތުގައި ވިޔަފާރި ފައިދާއަށް ކުއްޖަކު ބޭނުންކުރި މައްސަލައަކަށާއި ކުއްޖަކަށް ބިރުދެއްކުމުގެ މައްސަލައެއްގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެނި އަނިޔާގެ 40 މައްސަލައެއް ވަނީ ޖޫން މަހުގެ ތެރޭގައި ހުށަހަޅާފައެވެ.
ކުޑަކުދިންގެ އެކި އެކި މައްސަލަތަކާއެކު މިދިޔަ ޖޫން މަހު ޖެންޑާ މިނިސްޓްރީއަށް 248 މައްސަލައެއް ހުށައަޅާފައި ވާއިރު އާއިލީ 26 މައްސަލައެއް ހިމެނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލައަކާއި ހައްގުތަކުން ކުޑަކުދިން މަހުރޫމު ކުރުމުގެ 4 މައްސަލައަކާއި ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 12 މައްސަލަ ހިމެނެއެވެ. މީގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 20 މައްސަލަ އެއްވެސް މިދިޔަ ޖޫން މަހު ވަނީ އެ މިނިސްޓްރީއަށް ހުށައަޅާފައެވެ.