ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ރ. އަލިފުއްޓަށް ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން އާންމުކުރި 24 ގަޑިއިރު ވާރޭ ރެކޯޓްކުރެވިފައިވާ ރަށްތަކުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އަލިފުއްޓަށް 156.5 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.
އެކަމާ ގުޅޭ ގޮތުން އަލިފުށި ކައުންސިލްގެ ރައީސް އާދަމް އިމްރާން "ދަ ޕްރެސް' އާ ވާހަކަދައްކަވަމުން ވިދާޅުވީ މި ވިއްސާރާގައި ބައެއް ގޭގެއަށް ފެން ވަދެފައިވާ ކަމަށާއި ވަރަށް ގިނަ އެއްޗެއްސަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
ގެއެއްގެ ކޮޓަރިތަކަށާ އެއްކޮން ފެން ވަދެފައިވާ ކަމަށާއި އަދި ދެ ބަދިގެ އަކަށް ފެން ވަދެފައިވާކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ އެ ތަންތަނުގައި އަތްލާ ހިފާ ގެންގުޅޭ އެއްޗެހީގެ އިތުރުން ފަރުނީޗަރުތައް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.
ރޭ 12 ޖަހާއިރުން ފެށިގެން މިހާރުވެސް އަލިފުއްޓަށް ވާރޭ ވެހެމުންދާ ކަމަށާއި ކައުންސިލާއި ފުލުހުން އަދި އާންމު ރައްޔިތުން ގުޅިގެން ލިބެމުންދާ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.
ވޭތުވެދިޔަ އަހަރުތަކުގެ ރެކޯޑުތަކަށް ބަލާއިރު 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވާ ކަމަށް ރިކޯޑު ކުރެވިފައި ވަނީ ސ. ގަމަށެވެ. އެއީ ނޮވެމްބަރު 24، 2015ގައި 228 މިލިމީޓަރުގެ ވާރެއެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން އަންނަނީ އެލާޓުތައް ނެރެމުންނެވެ. މިގޮތުން މިއަދު މެންދުރު 12 އިން ފެށިގެން ހަވީރު 4 އާ ހަމައަށް މެޓް އޮފީހުން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އެލާޓް ނެރެފައެވެ. އަދި ކުރިއަށް އޮތް 3 ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެކަމަށް ސަމާލުވުމަށް މެޓުން އަންނަނީ އިލްތިމާސްކުރަމުންނެވެ.