ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ މޫސުމާ ބެހާ ގައުމީ އިދާރާ (މެޓް)އިން ރީނދޫ އެލާޓު ނެރެފިއެވެ.
ގަޑިއިރަކު 25 މޭލާއި 30 މޭލަށް ދެމެދު ބާރުމިނުގައި ވައި ޖެހުމާއެކު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ރީނދޫ އެލާޓު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ތ އަތޮޅަށެވެ.
މިއަދު މެންދުރު 12 އިން ހަވީރު 4 ގެ ނިޔަލަށް އެ އަތޮޅުތަކަށް ރީނދޫ އެލާޓު ނެރެފައިވާއިރު މީގެ ކުރިންވެސް މެޓުން ވަނީ މި ދުވަސްތަކުގައި މޫސުން ގޯސްވެ، ކަނޑުގަދަވާނެ ކަމަށް ލަފާކޮށް އެކަންކަމަށް ސަމާލުވުމަަށްވެސް އިލްތިމާސްކޮށްފައެވެ.
އިއްޔެ މެޓް އޮފީހުން ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށާއި ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައެވެ. އަދި މި ވިއްސާރައިވައި ހާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވުމާއިއެކު ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށާއި ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.
މީގެ އިތުރުން މިއަދު ހަވީރު 5:30 ގެ ނިޔަލަށް މެޓު އޮފީހުން ވަނީ މުޅި ރާއްޖެއަށް ހުދު އެލާޓްވެސް ނެރެފައެވެ.