ގައުމެއްގައި އަމަން އަމާންކަން ކަށަވަރުވެ ހަމަޖެހުމާއި މަސްލަހަތު ޤާއިމްވެ ކުރިއެރުމާއި ފާގަތިކަން އޮންނާނީ އެ މުޖުތަމައެއް ބިނާވެގެންވާ ނިޒާމުގެ ފުރިހަމަ ކަމުގެ މައްޗަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ މިނިސްޓްރީން ހއ.ހޯރަފުށީގައި ގާއިމްކުރާ ހާފްވޭ ހައުސްގެ ބިންގާ އެޅުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އިމްރާން ވިދާޅުވީ، އިންސާނީ މުޖުތަމައެއްގައި ހުންނަން ޖެހޭ ހުރިހާ ސިފަތަކާއެކު ބަދަހިކޮށް ބޭއްވުމަށްޓަކައި އެންމެ މުހިންމު ކަމަކީ ފުރިހަމަ އަދި ޝާމިލް ގާނޫނެއް އޮތުން ކަމަށާއި އެއަށް ފަހު ފުރިހަމަކޮށް ވަށާޖެހޭ ގޮތަށް އެގާނޫނު ތަންފީޒު ކުރުން ކަމަށް ގާނޫނީ އިލްމުވެރިން ވިދާޅުވާ ކަމަށެވެ. އަދި އޭގެ މައްޗަށް އެ މުޖުތަމައެއްގެ އަހުލުވެރިން އަހުލުވެރިވެ ހަރުދަނާ ވުން ކަމަށާއި އެގޮތުން ގައުމުތައް ކުރިއަރައި އިންސާނުންނަށް ރަނގަޅު މަގުދައްކައިދޭ ތަންތަނަށް އެތަންތަން ވެގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގައުމުގައި އަމަން އަމާންކަން ކަށަވަރުވެ، ހަމަޖެހުމާ މަސްލަހަތު ޤާއިމްވެ، ކުރިއެރުމާއި ފާގަތިކަން ލިބިގެންދާނީ އެ މުޖުތަމަޢުއެއް ބިނާވެގެންވާ ނިޒާމުގެ ފުރިހަމަ ކަމުގެ މައްޗަށް. އޭގެ މައްޗަށް މުޖުތަމަޢު ބިނާކުރެވިފައިވާ ޝަރުޢީ އަދި ގާނޫނީ ނިޒާމަކީ ފުރިހަމަ ނިޒާމެއްނަމަ އެ މުޖުތަމައު އަކީ ފުރިހަމަ ފާގަތި މުޖުތަމައެއް.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ޒަމާނުއްސުރެ ނުރައްކާތެރި ހާލަތްތަކަށް ނުވަތަ ކުށްކުށަށް ހުށަހެޅިގެންދާ ކުދިން އެންމެ ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް މުޖުތަމައަށް އަނބުރާ ގެނައުމުގެ މަސައްކަތަކީ ދުވަސްތަކެއް ވަންދެން އެކީ ހައްލު ނުކުރެވި އޮތް މައްސަލައެއް ކަމަށެވެ.

އެކަމަށް ހައްލެއް ގެނައުމަށްޓަކައި 2019 އިން ފެށިގެން ކުރަމުން އަންނަ މަސައްކަތް، އެއް މަސައްކަތުގެ މައްޗަށް އަނެއް މަސައްކަތް ބިނާކުރަމުން ތަރުތީބު ކުރަމުން އައިސް ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށް ކަޑައްތު ކުރާނެ މަރުހަލާތަކުގެ ތެރެއިން ގާތްގަނޑަކަށް ހަތަރުވަނަ މަރުހަލާގެ ގޮތުގައި ބިނާ ކުރާ ހާފްވޭ ހައުސްގެ ބިންގާ މިއަދު އެޅިގެން ދާކަން އިމްރާން ފާހަގަ ކުރެއްވިއެވެ.

އިމްރާން ވަނީ ކުށްކުރާ މީހުންނަށް އަދަބެއް ދިނުމާ ހަމައަށް ދަނީ ވަރަށް ގިނަ ކަންކަން ފެއިލް ވެގެން ކަމަށް ފާހަގަ ކުރައްވާފައެވެ.

ކުށަށް ހުށަހެޅޭ ކުއްޖަކު ގާނޫނީ ފިޔަވަޅާ ހަމައަށް ދިއުމުގެ ކުރިން އާއިލާއާއި އަވަށްޓެރިންނާއި ސްކޫލާއި ކައުންސިލާ، އެންމެން ގުޅިގެން އެ ފަރުދަކު މުޖުތަމައަށް އަނބުރާ ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރުމުގެ މުހިންމުކަން އިމްރާން ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ގާއިމް ކުރެވޭ ހާފްވޭ ހައުސްގެ ސަބަބުން ކުށްކުރާ ކުދިން ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ގެނައުމަށް ކުރާ މަސައްކަތަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ހޯރަފުށީގައި މިއަދު ބިންގާ އެޅިގެން ދިޔަ ހާފްވޭ ހައުސްގެ މަސައްކަތް އަންނަ އަހަރުގެ ކުރީ ކޮޅު ނިމިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހޯރަފުށީގައި ގާއިމް ކުރުމަށްޓަކައި މިއަދު ބިންގާ އެޅުނު ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ވަކި މުއްދަތެއް ހޭދަކޮށްފައިވާ ކުދިން އަނބުރާ މުޖުތަމައަށް ނިކުތުމަށް ތައްޔާރު ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށްޓަކައި އެކުދިން ބައިތިއްބުމަށް އުފައްދާ މަރުކަޒެއް ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ، ހާފްވޭ ހައުސްތަކުގައި ތިބޭ ކުދިން މުޖުތަމައަށް ނިކުތުމަށް ތައްޔާރު ވުމުގެ ގޮތުން މަރުކަޒުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް މުޖުތަމައުގައި ބައިވެރިވެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ހުންނާނެ ކަމަށެވެ.

އެމްޓީސީސީއާ ހަވާލު ކޮށްގެން ހޯރަފުށީގައި އިމާރާތްކުރާ ހާފްވޭ ހައުސް އަކީ 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކޮށްފައިވާ ތަނެކެވެ.