ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ދިރޭތަކެއްޗަށް ގެއްލުންދޭ ދިރުންތައް ނުވަތަ ޕެސްޓްތަކުގެ ތެރެއިން، އިގުތިސޯދަށް އެންމެ ބޮޑު ގެއްލުމުގެ ދޭ 2 ބާވަތެއް ސައެންސްވެރިން ފާހަގަ ކޮށްފިއެވެ.

ޕެސްޓުގެ ސަބަބުން އިގުތިސޯދަށް ލިބެމުންދާ ގެއްލުންތައް ވަޒަން ކުރުމަށް ކުރިއަށް ގެންދިޔަ ދިރާސާއިން ދައްކާ ގޮތުގައި، އެމެރިކަން ބުލްފްރޮގްއާއި ބްރައުން ޓްރީ ސްނޭކްގެ ސަބަބުން 1986 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އިގުތިސޯދަށް 16.3 ބިލިއަން ޑޮލަރުގެ ގެއްލުން ވަނީ ވެފައެވެ.

މި 2 ބާވަތުގެ ދިރޭތަކެތި އުޅޭ ވެއްޓަށް ގެއްލުން ދިނުމުގެ އިތުރުން ދަނޑުބިންތަކުގެ އުފެއްދުންތަކަށް ގެއްލުން ދީފައި ވާ އިރު، ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ހާދިސާތަކަށްވެސް މަގުފަހިކޮށްފައިވެއެވެ.

ބްރައުން ޓްރީ ސްނޭކް / ފައިލް ފޮޓޯ: ކޮންޒަވޭޝަން ޖޮބްސް

ދިރާސާކުރާ ފަރާތްތަކުން ވަނީ މި ދިރާސާގެ ސަބަބުން، މިފަދަ ދިރޭތަކެތި ހުއްޓުވުމަށް އިންވެސްޓް ކުރުމަށް ހިތްވަރު ލިބޭނެ ކަމަށް އުއްމީދު ކުރާ ކަން ހާމަކޮށްފައެވެ.

ސައެންޓިފިކް ރިޕޯޓްސްގައި ސައެންސްވެރިން ބުނެފައި ވާ ގޮތުގައި ބްރައުން ޓްރީ ސްނޭކްގެ ސަބަބުން އެކަނިވެސް 10.3 ބިލިއަން ޑޮލަރުގެ ގެއްލުން ވަނީ ވެފައެވެ. މި ބާވަތުގެ ހަރުފައަކީ، ޕެސިފިކް ޖަޒީރާތަކުގައި ކޮންޓްރޯލެއް ނެތި އާލާ ވަމުން ދާ ހަރުފަތަކެކެވެ. އެމެރިކަން ބުލްފްރޮގްތައް އެންމެ ގިނަ އަދަދަށް ފެތުރިފައި ވަނީ ވިލާތުގައެވެ.