މިހާރު ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގެ ކޮޅިގަނޑު މަޑުވެފައި އޮތް ނަމަވެސް ކުރިއަށް އޮތް ހަފްތާގައި އަނެއްކާ ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.
ބޮޑު ޗުއްޓީ އާ ދިމާކޮށް ގިނަ ބަޔަކު ޗުއްޓީ ހޭދަކުރަން ރަށްރަށަށާއި ގައުމުން ބޭރަށް ގޮސްފައިވާ މި ދުވަސްވަރު އެމީހުން އެނބުރި އެބައެއް ދިރިއުޅެމުންދާ ރަށްރަށަށް ދާން ދަތުރު ރާވާފައި ވަނީ މި މަހުގެ ފަހު ކޮޅާއި އަންނަ މަހުގެ ކުރީ ކޮޅަށެވެ. ދަތުރު ފަތުރު ކުރުން ގިނަ ވާނެ ކަމަށް ބެލެވޭ މި ދުވަސްވަރުގެ މޫސުން ހުރި ގޮތާ ގުޅޭ ގޮތުން 'ދަ ޕްރެސް' އިން މެޓް އޮފީހާ ސުވާލު ކުރުމުން އެ އޮފީހުގެ އޮފިޝަލެއް ވިދާޅުވީ، ކުރިއަށް އޮތް ހަފްތާގެ ހޮނިހިރު ދުވަހުން ފެށިގެން މޫސުން ގޯސް ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެ ގޮތުން އެންމެ ބޮޑަށް މޫސުން ގޯސްވާނެ ތިން ދުވަހެއް ކަމަށް ލަފާކޮށް މެޓް އޮފީހުން ބުނީ އަންނަ އާދިއްތަ ދުވަހާއި ހޯމަ އަދި އަންގާރަ ދުވަހަކީ އެންމެ ބޮޑަށް މޫސުން ގޯސްވަނޭ ދުވަސްތައް ކަމަށެވެ. އެހެންކަމުން އެ ދުވަސްތަކުގައި ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައި ސަމާލު ވެ ތިބުމަކީ ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭނެ ފިޔަވަޅެކެވެ.
މެޓް އޮފީހުން މޫސުން އެންމެ ގޯސްވާނެ ކަމަށް ލަފާ ކުރި ތިން ދުވަހަކީ މި މަހުގެ 31 އާއި އަންނަ މަހުގެ 1 އަދި 2 ވަނަ ދުވަހެވެ.
މިއަދުގެ މޫސުމަށް ބަލާއިރު، މުޅި ރާއްޖެއަށް މިހާރު ވަނީ ވައިޓް އެލާޓެއް ނެރެފައެވެ. މެޓް އޮފީހުން ބުނާ ގޮތުގައި ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން އެކަަށީގެންވާ ކަމަށެވެ. ވައިގެ ބާރުމިން ލަފާ ކުރާ ގޮތް ހާމަކުރަމުން މެޓް އޮފީހުން ބުނީ، ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި މިއަދު ވައިޖެހޭނެ ކމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ. ކަނޑުގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ތިން ފޫޓާއި 6 ފޫޓަށް އުފުލޭނެ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ. އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.
މި ޖުލައި މަހަކީ ރާއްޖެއަށް ވަރަށް ގަދައަށް ވިއްސާރަ ކުރި މަހެކެވެ. އެގޮތުން މި މަހު މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި، ވައިގަދަވެ، އަދި އުދަ އެރުމުގެ ސަބަބުން ރަށްތަކަށް ލިބުނު ގެއލުން ދެނެގަތުމަށް ކުރި މަސައްކަތުގައި 9 ރަށަކުން 261 ގެއަކަށް ގެއްލުން ލިބިގެން ފޯމު ހުށަހަޅާފައިވާ ކަަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ. އަދި މި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީ ފޯރުކޮށް ދިނުމަށް، ކާރިސާތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަމަލުކުރާ އުސޫލުގެ ތެރެއިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޑީއެމްއޭ އިން ބުނެއެވެ.