ގައުމުގެ ވަތުބަތާން ވިއްކާލި ބަޔަކަށް ގައުމުގެ ސިޔާދަތު ރައްކާތެރި ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއެވެ.

ފާހަގަކުރަމުންދާ 57 ވަނަ މިނިވަން ދުވަހު އާދަމް ޝަރީފް ވިދާޅުވީ ރަސޫލާއަށް ހަޖޫ ޖަހާއި މުންކަރާތްތަކަށް ހިތްވަރުދޭ ބަޔަކަށް އިސްލާމްދީން ހިމާޔަތް ނުކުރެވޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީއަށް ކޮޅުފައިން އަރާ ބަޔަކަށް ގައުމުގެ ސުލްހަ މަސްލަހަތު ރައްކާތެރި ނުކުރެވޭނެ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

މިނިވަން ދުވަސް ފާހަގަކުރި ނަމަވެސް ރާއްޖެ ވަނީ އަވައްޓެރި އިންޑިއާގެ އަތްދަށުވެފައި ކަމަށް ގިނަ ބަޔަކު ތުހުމަތުކުރަމުން އަންނައިރު ސަރުކާރުގެ ސިޔާސަތުތަކާއި އަދި ސަރުކާރުން ކަންކަމުގައި އަމަލު ކުރަމުން އަންނަ ގޮތުން ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވެސް އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.

މުންކަރާތްތަކުގެ ވާހަކައަށް އާދަމް ޝަރީފް އިޝާރާތްކުރައްވާފައި ވާއިރު އެއްޖިއްސުން ގުޅުން ހިންގުމުގެ މައްސަލަތައް ފެންމަތިވެފައި ވެ އެ އަމަލު ހިންގި ހުރިހާ އެންމެން ހައްޔަރުކޮށް އަދަބު ދިނުމަށް ގޮވާލި ނަމަވެސް އެ މައްސަލާގައި މީހަކަށް އަދި ފިޔަވަޅު އަޅާފައެއް ނުވެއެވެ.