ޕަލަސްޓީނިއަން އޮތޯރިޓީ (ޕީއޭ)އިން ގާނޫނު ހަދާ މަޖިލީހަކާ ނުލާ، "ގަރާރަކުން" ވެރިކަން ކުރަމުންދާ ދިއުމާ ގުޅިގެން، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ދެކޮޅަށް، ފަލަސްތީނުގެ އެތައް ސަތޭކަ ގާނޫނީ ވަކީލުންނެއް މުޒާހަރާ ކޮށްފިއެވެ.

އިޒްރޭލާއެކު އެކުލަވާލި އޮސްލޯ އެކޯޑްގެ ދަށުން ގާއިމު ކުރި ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލިސް ނުވަތަ ޕަލަސްޓީނިއަން ލެޖިސްލޭޓިވް ކައުންސިލް (ޕީއެލްސީ)ގެ މަސައްކަތްތައް ހުއްޓިފައި އޮންނަނީ 2007 ވަނަ އަހަރުން ފަށައިގެންނެވެ. އެހެން ކަމުން، އައްބާސް މުޅިންހެންވެސް ވެރިކަން ކުރައްވާފައި ވަނީ، "މަސައްކަތް ކުރާ" ގާނޫނު ހަދާ މަޖިލީހަކާ ނެތް ހާލަތުގައި ކަމަށް ދެންނެވިދާނެއެވެ.

ނަމަވެސް ފަލަސްތީން ބާ އެސޯސިއޭޝަންގެ އާ ލީޑާޝިޕުން ވަނީ އެކަމަށް ގޮންޖަހަން ނިންމާފައެވެ.

ބާ އެސޯސިއޭޝަންގެ ރައީސް ސުހައިލް އާޝުރު، އޭއެފްޕީއަށް ވިދާޅުވީ، ފަލަސްތީނުގެ ހައްގުތަކާއި މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް ރިޔާސީ ގަރާރަކުން ގެންނަ ގާނޫނު އަސާސީއަކާ ދެކޮޅަށް އެ ޖަމިއްޔާއިން ސާބިތު ކަމާއެކު ތެދުވާނެ ކަމަށެވެ.

ބާ ކައުންސިލްގެ ޑިމާންޑަކީ އެ ގާނޫނު އަސާސީ ތަންފީޒު ކުރުން ހުއްޓާލުން ނުވަތަ ބާތިލު ކުރުން ކަމަށްވެސް އާޝޫރު ވަނީ ވިދާޅުވެފައެވެ.

ފަލަސްތީނުގައި މިހާރު އެކުލަވާލާފައި ވާ ގާނޫނު އަސާސީގެ ދެލިކޮޕީ ބުނާ ގޮތުން، ޕީއެލްސީއަށް ހަރަކާތްތެރި ނުވެވޭ ހިނދެއްގައި، ބޭނުން ޖެހިއްޖެ ހިނދެއްގައި ރިޔާސީ ގަރާރުތައް ނެރުމަށް ގާނޫނީ ފުރުސަތު އޮވެއެވެ. ނަމަވެސް ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުގައި އައްބާސް ވަނީ ހައްދުގެ އިން ފަހަނައަޅާ ވަޑައިގަންނަވަފައެވެ.

ފަލަސްތީނުގެ ގާނޫނީ ވަކީލެއް ކަމަށް ވާ ޒައިނަބް އަލް-ސަލްފިތީ، އަލްޖަޒީރާއަށް ވިދާޅުވީ، އެފަދަ ގާނޫނުތަކުގެ އަސަރު ކުރަނީ ހަމަ އެކަނި ބާ އެސޯސިއޭޝަނަށް ނޫން ކަމަށާ، މުޅި ފަލަސްތީނުގެ ހުރިހާ ރައްޔިތުންނަށް ކަމަށެވެ. މުޒާހަރާގައި އޭނާ ބައިވެރިވުމުގެ މަގުސަދަކީ، ރިޔާސީ ގަރާރުތަކުގެ ސަބަބުން ފަލަސްތީނުގެ ޝަރުއީ ނިޒާމު ފުނޑުފުނޑުވަމުން ދާ ކަމާއި، ވެރިކަން ކުރުމުގެ ބާރު ނިކަމެތިވެ، ދާހިލީ ހަނގުރާމައެއް ފެށިދާނެކަން ރައީސް އައްބާސްއަށް ދެންނެވުން ކަމަށެވެ.

ފަލަސްތީނުގެ އެތައް ސަތޭކަ ގާނޫނީ ވަކީލުންނެއް، ރައީސް އައްބާސްއާ ދެކޮޅަށް ކުރިއަށް ގެންދިޔަ މުޒާހަރާއަށް ރަޔަޓް ފުލުހުން ވަނީ ހުރަސް އަޅާފައެވެ. އަދި ބޮޑުވަޒީރު މުޙައްމަދު ޝަތިއްޔާ އިންނަވާ އޮފީސް އިމާރާތަށް މުޒާހަރާގެ ބައިވެރިން ވަންނަން މަސައްކަތް ކުރުމުން، އެކަމަށްވެސް ފުލުހުން ވަނީ ހުރަސް އަޅާފައެވެ.

ފަލަސްތީނުގެ މަޝްހޫރު ލީޑަރު ޔާސިރު އަރަފާތު އަވަހާރަވުމާ ގުޅިގެން، ފަލަސްތީނުގެ ރައީސް ކަމުގެ މަގާމަށް އައްބާސް އިންތިހާބު ކުރީ 2005 ވަނަ އަހަރުއެވެ. އައްބާސްގެ ފަތަހަ ޖަމާއަތާ ވާދަކޮށް، ހަމާސް ޖަމާއަތުން މަޖިލީހުގެ އަޣުލަބިއްޔަތު ގެންދިޔައީ 2006 ވަނަ އަހަރުއެވެ.

2 އިންތިހާބުގެ ނަތީޖާ ދެ ގޮތަކަށް ނުކުތުން ވެގެން ދިޔައީ ފަލަސްތީނުގެ ވެރިކަން ހިންގުމުގެ ނިޒާމު ބައިބައި ކުރުވި ކަމަކަށެވެ. އިޒްރޭލުން ވެރިވެގެންފައިވާ ހުޅަނގު އައްސޭރީގެ ކޮންޓްރޯލްގައި ފަތަހަ ޖަމާއަތުން އޮތް އިރު، 2007 ވަނަ އަހަރުން ފަށައިގެން ޣައްޒާ ކޮންޓްރޯލް ކުރަމުން ދަނީ ހަމާސް ޖަމާއަތުންނެވެ.

ފަލަސްތީނުގެ ގާނޫނީ ދާއިރާގެ ތަޖުރިބާކާރުން އަންދާޒާ ކުރައްވާ ގޮތުގައި، ފަލަސްތީނުގެ ވެރިކަމާ އައްބާސް ހަވާލުވެވަޑައިގެންނެވި ފަހުން 400 އެއްހާ ރިޔާސީ ގަރާރު ވަނީ ނެރުއްވާފައެވެ.

ރަސްމީ ސިފައެއްގައި އައްބާސް ޕީއެލްސީ އުވާލެއްވީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އަދި އާ އިންތިހާބެއް ބޭއްވުމަށް ކުރާ މަސައްކަތްތައް ވަނީ މަޑުޖައްސާލާފައެވެ. ރިޔާސީ އަދި އާންމު އިންތިހާބުގެ ވޯޓުލުން 2021 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް އައްބާސް ތާވަލު ކުރެއްވިއެވެ. ނަމަވެސް، އިޒްރޭލުން ވެރިވެގެންފައިވާ އިރުމަތީ ގުދުސްގައި ވޯޓުލުން ކުރިއަށް ގެންދިއުމަށް އިޒްރޭލުން ހުރަސް އެޅި ކަމަށް ބުނެ، އެންމެ ފަހު ވަގުތު އިންތިހާބު ވަނީ ކެންސަލް ކޮށްފައެވެ.