ސިންގަޕޫރުގެ ކޯ އިންފްލޭޝަން ރޭޓް މިދިޔަ ޖޫން މަހު ރެކޯޑް މިންވަރަކަށް އުފުލިފައި ވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ކޯ އިންފްލޭޝަންއަކީ މުދަލާ ހިދުމަތުގެ އަގުގެ ތެރެއިން ތާ އަބަދުމެހެން އަގުތައް ބަދަލު ވަމުންދާ ހިދުމަތްތަކުގެ އަގުތައް ނުހިމެނޭ ގޮތަށް އެކުލަވާލާ އަދަދަކަށް ވާ އިރު، ސިންގަޕޫރުގެ ކޯ އިންފްލޭޝަން ރޭޓް އެކުލަވާލުމުގައި ބޯހިޔާވަހިކަން (އެކޮމޮޑޭޝަން)އައި ދަތުރުފަތުރުގެ ހަރަދުތައް ހިމަނާފައެއް ނުވެއެވެ.
ޖޫން 2022 ގައި ސިންގަޕޫރުގެ ކޯ އިންފްލޭޝަން ރޭޓް، އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 4.4 ޕަސެންޓް އުފުލިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. މިއީ ނޮވެމްބަރު 2008 އަށް ފަހު، ސިންގަޕޫރުގެ ކޯ އިންފްލޭޝަން ރޭޓް މިހާ މައްޗަށް އެރި ފުރަތަމަ ފަހަރެވެ. މެއި 2022 ގައި ސިންގަޕޫރުގެ ކޯ އިންފްލޭޝަން ރޭޓް ހުރީ 3.6 ޕަސެންޓްގައެވެ.
އަހަރުން އަހަރަށް ބަލާއިރު ސިންގަޕޫރުގެ ކޯ އިންފްލޭޝަން ރޭޓް މަތިވެގެން އެ ގައުމުން އެންމެ ފަހުން ރިޕޯޓް ކުރީ ނޮވެމްބަރު 2008 ގައެވެ. އޭރު ކޯ އޮންފްލޭޝަން ރޭޓް ހުރީ 5.5 ޕަސެންޓްގައެވެ.
ކޮންޒިއުމާ ޕްރައިޒް އިންޑެކްސް ނުވަތަ އާންމު އިންފްލޭޝަން ރޭޓް، ޖޫން 2022 ގައި ވަނީ، އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 6.7 ޕަސެންޓް ބޮޑުވެފައެވެ. މެއި މަހު އެ އަދަދު ހުރީ 5.6 ޕަސެންޓްގައެވެ.
ޖޫން މަހަކީ ސިންގަޕޫރުގެ ބާޒާރުގައިވެސް ކާބޯތަކެތީގެ އަގުތައް އުފުލިގެން ދިޔަ މަހެކެވެ. ކާބޯތަކެތީގެ އިންފްލޭޝަން ރޭޓް ޖޫން މަހު 5.4 ޕަސެންޓަށް އެރި އިރު، މެއި މަހު އެ އަދަދު ހުރީ 4.5 ޕަސެންޓްގައެވެ.
ސިންގަޕޫރުގެ މަނިޓަރީ އޮތޯރިޓީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އާންމު ކުރި ގުޅިފައި ވާ ބަޔާނެއްގައި ބުނެފައި ވާ ގޮތުން، ކާބޯތަކެތީގެ އަގުތައް އުފުލިފައި ވަނީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން އަގުތުތައް އުފުލުމުންނާއި ނުކައްކާ ހުންނަ ކާބޯތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުންނެވެ.
ކަން މިހެން އޮތް ނަމަވެސް، އެ ގައުމުގެ ކޯ އިންފްލޭޝަން ރޭޓް، އަހަރު ނިމެން ދާއިރު، 3.5-4 ޕަސެންޓާ ދެމެދު މިންވަރަކަށް ދަށަށް ދާނެ ކަމަށްވެސް ސިންގަޕޫރުގެ މަނިޓަރީ އޮތޯރިޓީގެ އަހަރީ އަންދާޒާތަކުން ދައްކައެވެ.