ފާއިތުވީ 22 އަހަރެއްހާ ދުވަހުގެ ތެރޭގައި ގެނެސްފައި ނުވާ ފަދަ ބަދަލެއް ގެނެސް، ދުނިޔޭގެ 1 ނަމްބަރު އިގުތިސޯދުގެ ގޮތުގައި އޮތް އެމެރިކާގެ އިންޓްރެސްޓް ރޭޓު ބޮޑު ކޮށްފިއެވެ.

މިދިޔަ މާޗް މަހުވެސް އެމެރިކާގެ އިންޓްރެސްޓް ބޮޑުކޮށްފައި ވާ އިރު، އެންމެ ފަހުން ގެނައި ބަދަލާއެކު 0.75 ޕަސެންޓާއި ޕަސެންޓާ ދެމެދު މިންވަރަކަށް އިންޓްރެސްޓް ބޮޑުވެގެން ދާނެ ކަމަށް އެ ގައުމުގެ ފެޑަރަލް ރިޒާވުން މައުލޫމާތު ލިބެއެވެ.

މި ފިޔަވަޅަކީ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުންދާ ދިއުން ކޮންޓްރޯލް ކުރުމަށް ކުރަމުން ދާ މަސައްކަތުގެ ތެރެއިން އަޅާ ފިޔަވަޅެއް ކަމަށް މައުލޫމާތު ލިބެއެވެ. އެމެރިކާގެ އިންފްލޭޝަން ރޭޓް މިހާރު ހުރީ ފާއިތުވީ 40 އަހަރެއްހާ ދުވަހުގެ ތެރޭގައިވެސް ނުދާހާ މަތީގައެވެ.

އެމެރިކާގެ އިތުރުން އިންޑިއާ އަދި އޮސްޓްރޭލިއާއިންވެސް ވަނީ އިންޓްރެސްޓް ބޮޑުކޮށް، އެކަން އިއުލާން ކޮށްފައެވެ. ބެލެވޭ ގޮތުގައި އިނގިރޭސިވިލާތުންވެސް މިފަދަ ބަދަލުތަކެއް ގެންނާނެ އެވެ.

ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި އިންޓްރެސްޓް ރޭޓް ބޮޑު ކުރުމަކީ، ފައިސާ ނެގުމުގައި، އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ އިތުރުން ސަރުކާރުތަކަށްވެސް ދަތިތަކެއް ކުރިމަތި ކުރުވާނެ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން މުދަލާއި ހިދުމަތަށް ކުރާ ޑިމާންޑް ދަށްވެ، އަގުތައް ތިރި ކުރަން އެހީވެދޭނެ ކަމަށް ގަބޫލު ކުރެވެއެވެ.

ކަން މިހެން އޮތް ނަމަވެސް އިންޓްރެސްޓް ބޮޑު ކުރުމަކީ އިގުތުސޯދީ ދުވެލި މަޑުޖެއްސުމުގެ ނުރައްކާވެސް އެކަމުގައި އޮތް ފިޔަވަޅެއް ކަން ފާހަގަ ކުރަން ޖެހެއެވެ. ވަކިން ހާއްސަކޮށް ޔޫކްރައިންގައި ރަޝިއާއިން ހަނގުރާމައެއް ކުރަމުން ދާ ދިއުމާއި، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ޗައިނާގައި ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުން ދާ ދިއުން ފާހަގަ ކުރަން ޖެހެއެވެ.