އިޒްރޭލާއި އެމެރިކާއަށް ނިސްބަތްވާ ޣައިރު މުސްލިމް ނޫސްވެރިއެއް ކަމަށް ވާ ގިލް ޓަމާރީ މައްކާއަށް ވަނުމަށް އެހީތެރިކަން ފޯރުކޮށްދިން ކަމުގެ ކުށުގައި ސައުދީ އަރަބިއްޔާގެ ކަމާ ބެހޭ ފަރާތްތަކުން އެ ގައުމުގެ ރައްޔިތަކު ހައްޔަރު ކޮށް، އޭނާއާ ދެކޮޅަށް ދައުވާ ކުރަން ފޮނުވާލައިފިއެވެ.

ސައުދީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި ސައުދީގެ ރައްޔިތު މީހާ، ޣައިރު މުސްލިމު ނޫސްވެރިޔާ މައްކާއަށް ވައްދާދީފައި ވަނީ ހަމައެކަނި މުސްލިމުންނަށް ހާއްސަކޮށްފައި ވާ މަގަކުންނެވެ. މައްކާގައި ހުންނަ މުސްލިމުންގެ މުޤައްދަސް ސަރަހައްދުތަކަށް ވަނުމުގެ ފުރުސަތު، ޣައިރު މުސްލިމުންނަކަށް، ނޯވެއެވެ.

ނަމަވެސް އިޒްރޭލުގެ ޗެނަލް-13ގެ ނޫސްވެރިޔާ ވަނީ، ހަމައެކަނި މުސްލިމުންނަށް ހާއްސަ ސަރަހައްދަށް ވަދެ، އެ މަންޒަރުތައް ސޯޝަލް މީޑިއާގައިވެސް ހިއްސާ ކޮށްފައެވެ.

10 މިނެޓެއް ހާ އިރަށް ދެމިގެން ދިޔަ އެ ވީޑީއޯގައި ޓަމާރީ ވަނީ، އަރަފާތު ފަރުބަދައަށް ދަތުރު ކޮށްފައެވެ. އޭނާގެ އެ އަމަލަކީ ޣައިރު ގާނޫނީ އަމަލެއްކަން އެނގޭ ކަމަށްވެސް ޓަމާރީ ބުނެފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. އޭނާ ވަނީ ފަހުން އެކަމަށް މައާފަށްވެސް އެދިފައެވެ. ނަމަވެސް ސައުދީއިން އެކަމާ އައިސްފައި ރުޅިއަށް ފިނިކަމެއް ލިބިފައެއް ނުވެއެވެ.

ހަމައެކަނި މުސްލިމުންނަށް ހާއްސަ ސަރަހައްދަށް، ޣައިރު މުސްލިމް ނޫސްވެރިޔާ ވެއްދުމަށް އެހީތެރިކަން ފޯރުކޮށްދިން ސައުދީ ރައްޔިތުގެ އިތުރުން ނޫސްވެރިޔާގެ މައްސަލަވެސް ދައުވާ ކުރަން ފޮނުވާފައި ވާ ކަމަށް ފުލުހުންނާ ހަވާލާދީ، މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

މައްކާގެ ސަރަހައްދީ ފުލުހުންގެ ފަރާތުން ވާހަކަދެއްކެވި އޮފިޝަލަކު ވަނީ އެ ގައުމަށް ޒިޔާރަތް ކުރާ ފަރާތްތަކުންވެސް، ގަވައިދުތަކަށް އިހުތިރާމް ކުރުމަށް ގޮވާލައްވާފައެވެ. ވަކިން ހާއްސަކޮށް، މުސްލިމުންގެ މުޤައްދަސް ތަންތަނާ ގުޅިގެން ހަދާފައި ވާ ގަވައިދުތަކަށް ހުރުމަތްތެރި ކޮށް ހިތުމަށްވެސް އޭނާ ގޮވާލައްވާފައެވެ.

ސައުދީ އަރަބިއްޔާއަކީ އިޒްރޭލު ބަލައިގެންފައި ވާ ގައުމެއް ނޫނެވެ. އަދި އަރަބި ގައުމުތަކާ އިޒްރޭލާ ދެމެދު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުން ބަދަހި ކުރުމަށް އެމެރިކާ އިސްވެ އޮވެގެން އެކުލަވާލި އަބްރަހަމް އެކޯޑްސް 2020 ގައިވެސް ސައުދީއިން ބައިވެރިވެފައެއް ނުވެއެވެ.