ޑޮލަރު ހޯދަން ކުރި އިއުލާން ބާތިލުކުރީ ފިނޭންސް މިނިސްޓްރީއިން ޑޮލަރު ހަމަޖައްސަދިނުމުން ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

އާރްޑީސީއިން ވަނީ ޑޮލަރު ވިއްކުމުގެ ލައިސެންސް އޮތް ފަރާތްތަކުން އެ ކުންފުންޏަށް ޑޮލަރު ފޯރުކޮށްދިނުމުގެ ޝައުގުވެރިކަން ހާމަކޮށް، މި މަހުގެ 24 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް އަންގާ ގެޒެޓުގައި އިއުލާނެއް ނެރެފައެވެ. އެހެންނަމަވެސް އެ އިއުލާން ވަނީ އޭގެ 20 މިނެޓު ފަހުން ބާތިލުކޮށްފައެވެ.

އާރުޑީސީގެ އެ އިއުލާނާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.

އެކަމާ ގުޅިގެން އާރްޑީސީއިން ބުނީ ޑޮލަރު ހޯދަން އިއިލާނުކުރީ މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބޭރު ފައިސާ ވިއްކުމުގެ ލައިސެންސް ދީފައިވާ ފަރާތްތަކުން އެމެރިކާ ޑޮލަރު ގަތުމަށް ކަމަށާއި އެހެންނަމަވެސް އެ ކޯޕަރޭޝަނުން ބޭނުންވާ ބޭރު ފައިސާ ފިނޭންސް މިނިސްޓްރީއިން ހަމަޖެއްސުމާއެކު އެ އިއުލާނު ބާތިލުކޮށްފައިވާ ކަމަށެވެ.

އާރްޑީސީއިން އިތުރަށް ބުނީ އެ އިއުލާން ބާތިލްކޮށްފައިވަނީ ފިނޭންސް މިނިސްޓްރީިއިން ނުވަތަ އެހެން ފަރާތަކުވެސް އެކަން ކުރުމަށް އެ ކޯޕަރޭޝަނަށް އެންގުމުން ނޫން ކަމަށާއި އެ ކޯޕަރޭޝަނުން ބޭނުންވާ ޑޮލަރު ފިނޭންސް މިނިސްޓްރީއިން ހަމަޖެހުމުން އެހެން ފަރާތަކުން އިތުރަށް ޑޮލަރު ގަތުމުގެ ބޭނުން ނެތުމުގެ ސަބަބުން ކަމަށެވެ.