މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުންގެ ދަތިކަން ކަމަށް ކޮމިޝަނަ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.
ކޮމިޝަނާ މިހެން ވިދާޅުވީ ކިޔަވައިދިނުމުގެ ހުނަރު އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން، އެކި ދާއިރާތަކުން އިންސްޓްރަކްޓަރުން ތަމްރީނުކުރަން ކަރެކްޝަނުން ފެށި "އިންސްޓްރަކްޓާ ޓްރޭނިން ޕްރޮގްރާމް”ގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަހްމަދު މުހައްމަދު ފުޅު ވިދާޅުވީ، މިއަދު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުންގެ ދަތިކަން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
މިގޮތުން، ރަނގަޅު ޕްރޮފެޝަނަލް ވޯކް ފޯސްއެއް ބިނާ ކުރުމަކީ ދިމާވާ ގިނަ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިކަން ރަނގަޅުކުރުމަށްޓަކައި އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް އައިކޯސްޓްގެ ވިސްނުމާއި އެހީތެރިކަމާއެކު އިންސްޓްރަކްޓަރުންގެ ކޯހެއް ފަރުމާކޮށް އިއްޔެ ފެށި ކޯހުގެ ބައިވެރިންނަކީ އޮފިސަރުންގެ ތެރެއިން އައިކޯސްޓަށް ފާހަގަކުރެވިގެން ހޮވި އޮފިސަރުން ކަމަށާއި އެކަމަށް ފަހުރުވެރި ވާންޖެހޭ ކަމަށް ކޮމިޝަނާ ވިދާޅުވިއެވެ.
އަދި މި ތަމްރީން ޕްރޮގްރާމްއިން ދަސްވާ އެއްޗެހީގެ އަލީގައި، ކުރިއަށް އޮތްތާނުގައި ތަމްރީންކުރާ އޮފިސަރުންނަކީ ވީހާވެސް ޕްރޮފެޝަނަލް އަދި ގާބިލް ބަޔަކަށް ހެދުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް އުއްމީދުކުރައްވާކަމަށް ސީޕީ ވިދާޅުވިއެވެ.
އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް އިން ރާވާ އަދި ކުރިއަށްގެންދާ މި ޕްރޮގްރާމްގެ މުއްދަތަކީ 15 ދުވަހެވެ. މިއީ މި ޕްރޮގްރާމްގެ ފުރަތަމަ ބެޗެވެ.
ކަރެކްޝަނުން ބުނީ މި ޕްރޮގްރާމްގެ މަގްސަދަކީ ޕްރިޒަން އޮފިސަރުންގެ ތެރެއިން އެކި ދާއިރާތަކުން އެމީހަކު ދަސްކޮށްފައިވާ އިލްމާއި ފަންނީ ހުނަރެއް އެހެންބަޔަކަށް އުނގަންނައިދިނުމުގެ ހުނަރާއި ގާބިލްކަން ލިބިދިނުމާއި މިރޮނގުން ހުނަރުވެރި މުދައްރިބަކު އުފެއްދުން ކަމަށެވެ.
މި ޕްރޮގުރާމުގެ ބައިވެރިންނަށް މެނޭޖިން އޮފިސާސް ޕާފޯމަންސް، ލެސަން ޕްލޭން، ފިޒިކަލް ޓްރެއިނިން، ސްވިމިން، ރިސްކް މެނޭޖްމަންޓް، ކްލާސްރޫމް މެނޭޖްމަންޓް، ފުޓް ޑްރިލް، އޮބްޖެކްޓިވް ރައިޓިން، ފަސްޓް އެއިޑް އަދި ޓީޗިން ޕްރެކްޓިސް ފަދަ މުހިންމު މޮޑިއުލްތައް ކިޔަވައިދޭނެ ކަމަށް ކަރެކްޝަނުން ބުނެއެވެ.