ވިލިމާލޭގައި ޕިކްނިކް ސަރަހައްދެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލުން މާލެ ސިޓީގެ ރައްޔިތުންނާ ބައްދަލު ކުރަން ބޭއްވި މި އަހަރުގެ 2 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ވިދާޅުވީ، ވިލިމާލޭގައި ޕިކްނިކް އޭރިއާއެއް ގާއިމްކުރަން ނިންމާފައި ވަނީ މިހާރު ވެސް މޫދަށް އެރުމަށް ބޭނުންކުރާ ސަރަހައްދުގައި ކަމަށެވެ. އެ ތަނުގައި ބާބަކިއު ސަރަހައްދަކާއި، އަންހެނުންނާއި ފިރިހެނުންނަށް ވަކި ފާހާނާ ބަރިއަކާއި، ނުކުޅެދޭ މީހުނަށް ވަކި ފާހާނާ ބަރިއެއްގެ އިތުރުން އޯޕަން ޝަވާއެއް ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

ވިލިމާލޭގައި ޕިކްނިކް ސަރަހައްދެއް ހެދުމުގެ މަސައްކަތް މޭޔަރު މުއުއްޒު އިއުލާނު ކުރައްވަނީ
”ވީލްޗެއާގަ މޫދުތެރެއަށް ގޮސް ވަކި ހިސާބެއްގަ، އުނަގަނޑާ ހަމައަށް މޫދުތެރޭގައި މަޑުކޮށްލައިގެން ވޯޓާ ތެރަޕީއަށް ބޭނުންކުރެވޭ ކަހަލަ ރޭމްޕޭއް ގާއިމްކުރާގޮތަށް ކޮންސެޕްޓް އިނީ.“
ޑރ. މުހައްމަދު މުއިއްޒު

އަދި ޑޭރޫމްސްގެ ގޮތުގައި 10 ކޮޓަރި ގާއިމް ކުރާނެ ކަމަށާއި މި ކޮޓަރިތަކަކީ ރޭގަނޑު މަޑުކުރާ ގޮތަށް ދޫކުރާ ކޮޓަރިތަކެއް ނޫން ކަމަށް މޭޔަރު ވިދާޅުވިއެވެ. މީގެ އިތުރުން އެ ސަރަޙައްދުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މޫދަށް އެރެން ހާއްސަކޮށް ރޭމްޕެއް ގާއިމްކުރަން ނިންމާފައިވާ ކަމަށް ވެސް މުއިއްޒު ވިދަޅުވިއެވެ.

ވިލިމާލޭގައި ތަރައްގީ ކުރާ ޕިކްނިކް އޭރިއާ ހަ މަސްދުވަހުގެ ތެރޭގައި ނިންމާލުމަކީ އަޒުމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި މީހުން މޫދަށް އެރެވޭ ތަންތަނުގެ ތެރޭގައި މާލެ ސަރަހއްދުގައި ރަސްފަންނާއި އާޓިފިޝަލް ބީޗް ހިމެނޭ އިރު ހުޅުމާލޭގައި ބީޗް އެރިއާ އަކީ ގިނަ ބަޔަކު މޫދަށް އެރި އާއިލާއާ އެކު ވަގުތު ހޭދކޮށްލަން ދާ ތަންތަނެވެ. ހަމައެއާއެކު ވިލިމާލޭގެ މޫދަށް މީހުން އެރޭ ސަރަހައްދަކީ ވެސް ގިނަބަޔަކު އާއިލާއާ އެކު އުފާވެރި ވަގުތެއް ހޭދަކޮށްލަން ދާ ސަރަހައްދެކެވެ.

.