ފަރުކޮޅުފުށި ކައިރިން ފްރީ ޑައިވްކުރަން އުޅުނު ފަތުރުވެރިއަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މަރުވެފައި އޮއްވާ ފެނުނީ ސައުތު ކޮރެއާގެ އުމުރުން 49 އަހަރުގެ ފަތުރުވެރިއަކު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ މީހާ ގެއްލިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓާ (އެމްއާރުސީސީ) އަށް ލިބުނީ މިއަދު 11:05 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ، އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް އެ ސަހަރައްދަށް ގޮސް ގެއްލުނު މީހާ ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މިގޮތުން، އެ މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން މަސައްކަތްކުރަމުން ދަނިކޮށް، ގެއްލުނު މީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނިފައިވަނީ ކ.ގާގަނޑު ދެކުނުގައި އޮތް ފަރު ކައިރިން، ކަނޑުގެ 30 މީޓަރު އަޑިން، މިއަދު 11:50 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން އެމީހާގެ ހަށިގަނޑު މޫދުން ނެގުމަށް ފަހު، މިއަދު 12:21 ހާއިރު ހަށިގަނޑު މާލެއަށް ގެނެސް، އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.