ބޭރު ފައިސާ މާރުކުރުމުގައި ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސް ކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ، ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްތަކުގައި މަކަރާއި ހީލަތުގެ އަމަލުތަކުން ރައްކާތެރިވުމަށް އެދޭ ކަމަށެވެ. އަދި އެމްއެމްއޭ އިން ބޭރު ފައިސާ ވިއްކުމުގެ ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކާއެކު މުއާމަލާތްތައް ކުރުމަށް ވެސް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.

ބޭންކުން މިގޮތަށް އިލްތިމާސް ކޮށްފައި ވާއިރު، ފޯނުން ގުޅައިގެން ކާޑުގެ މައުލޫމާތު ހޯދާ މައްސަލަ އަކީ ދޭތެރެ ދޭތެރެއިން ފެންމަތިވާ މައްސަލައެކެވެ.

އަދި މެއިލްގެ ޒަރީއާއިން އިންޓަނެޓް ބޭންކިންއާ ބެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ވެސް ބައެއް މީހުން ކުރަމުން ގެންދެއެވެ.

ބީއެމްއެލް އިން ވަނީ އެގޮތަށް ގުޅާ ފަރާތްތަކަށް އެކައުންޓުގެ މައުލޫމާތު ހިއްސާ ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.

އެކި އެކި ކުންފުނިތަކާއި ސަފާރީ އާއި ސަޕްލައި ދޯނިތަކުގެ ނަމުގައި މި ނޫނަސް ބީއެމްއެލްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުން އަންނަ މައްސަލަ ވަނީ އިތުރުވެފައެވެ.