ގައުމަށް ހިޔާނާތްތެރިވުމުގެ ގިނަ ތުހުމަތުތަކެއް އެ އިދާރާތަކަށް އަމާޒުކުރައްވާ، ޔޫކްރައިންގެ ސެކިއުރިޓީ އޭޖެންސީ (އެސްބީޔޫ)ގެ އިސްވެރިޔާއާއި ޕްރޮސެކިއުޓާ ޖެނެރަލް މަގާމުން ދުރުކުރުމަށް، ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ނިންމަވައިފިއެވެ.

ޒެލެންސްކީ ވިދާޅުވީ ސަރުކާރަށް ކުރިން މަސައްކަތް ކޮށްދެމުން ދިޔަ 60 އަށް ވުރެ ގިނަ މުވައްޒަފުން މިހާރު މަސައްކަތް ކުރަމުންދަނީ، ރަޝިއާއިން ވެރިވެގެންފައިވާ ސަރަހައްދުތަކުގައި، ޔޫކްރައިންއާ ދެކޮޅަށް ކަމަށެވެ.

މި މޭރުމުން ޒެލެންސްކީ އިތުރަށް ވިދާޅުވީ، ގާނޫނީ ތަންފީޒީ ބާރުގައި މަސައްކަތް ކުރެއްވި އޮފިޝަލުންނާ ދެކޮޅަށް 651 މައްސަލަ އެބަ ހިނގާ ކަމަށެވެ. އެއީ އިދިކޮޅު ފަރާތްތަކަށް އެއްބާރުލުން ދިނުމާއި ގައުމަށް ހިޔާނާތްތެރިވެ ގައްދާރުވުމުގެ މައްސަލަތައް ކަމަށްވެސް ޒެލެންސްކީ ވަނީ ހާމަ ކުރައްވާފައެވެ.

ގާނޫނީ ތަންފީޒީ ބާރުގައި މަސައްކަތް ކުރެއްވި އެސްބީޔޫގެ އިސްވެރިޔާ އިވާން ވަކަނޯވް އާއި ޕްރޮސެކިއުޓާ ޖެނެރަލް އައިރީނާ ވެޑިކްޓޯވާ، އެކަމާ ގުޅޭ ގޮތުން އަދި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

އިވާން ވަކަނޯވްއަކީ ކުޑަދުވަހުއްސުރެ ޒެލެންސްކީގެ ގާތް އެކުވެރިއެއް ކަމަށް މައުލޫމާތު ލިބެއެވެ.

ޔޫކްރައިންގެ ގައުމީ ސަލާމަތާ ގުޅޭ މުހިންމު އިދާރާތަކެއްގެ ވެރިންގެ އިހުލާސްތެރިކަމާ މެދު ސުވާލުތަކެއް އުފެދިފައި ވާ އިރު، އެ ހުރިހާ ސުވާލެއްގެ ޖަވާބު ހޯއްދަވާނެ ކަމަށްވެސް ޒެލެންސްކީ ވަނީ ރޭގެ ވަގުތެއްގައި ދެއްވި ހިތޯބުގައި ވިދާޅުވެފައެވެ.

ފެބުރުއަރީ 24 ވަނަ ދުވަހު، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް އެ ގައުމުގެ އަސްކަރިއްޔާއިން ހާއްސަ އޮޕަރޭޝަނެއްގެ ނަމުގައި ޔޫކްރައިންއަށް އަރާ، ހަނގުރާމަ ފެށި ފަހުން އަދާ ޖެހުނު އިރުވެސް އެ ހަނގުރާމަ ހުއްޓިދާނެ ކަމުގެ އަލި މަގެއް ވަނީ ނުފެނިފައެވެ.

ކަން މިހެން އޮތް އިރު ރަޝިއާގެ ކުރީގެ ރައީސް އަދި މިހާރު ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ނައިބު، ޑިމިޓްރީ މެޑްވެޑޭވް ވަނީ، ޔޫކްރައިނުން ރަޝިއާއަށް ހަމަލާ ދިނުމާ ދެކޮޅަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.