ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެއަށް ވަޑައިގަންނަވާފައި ވަނިކޮށް އެ ގައުމުގައި ކުއްލި ހާލަތު އިއުލާން ކޮށްފިއެވެ.

ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގްހަ ގެ އޮފީހުން ހާމަ ކޮށްފައި ވާ ގޮތުގައި ހަމަނުޖެހުން އުފައްދާ މީހުންނާއި ހަމަނުޖެހުން އުފައްދަން މީހުން އުފުލާ އުޅަނދުތައް ހުއްޓުވުމަށް ފުލުހުންގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ.

ލަންކާގެ ރައީސް މިއަދު އިސްތިއުފާ ދެއްވަން އޮތް ނަމަވެސް އޭނާ ފިއްލަވައިގެން ރޭ ދަންވަރު ރާއްޖެ ވަޑައިގަތުމާއެކު ލަންކާގެ މަޝްރަހު އިތުރަށް ހޫނުވެ، އާންމުން ވަނީ މަގުމަތަކަށް ނިކުމެފައެވެ. އެއްބަޔަކު ގާނޫނު ހަދާ މަޖިލީސް އިދާރާއާ ދިމާއަށް ދާ އިރު އަނެއް ބަޔަކު ބޮޑުވަޒީރުގެ ގެކޮޅަށް ވަނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ލަންކާގެ ސަލާމަތީ ބާރުތަކުން އާންމުންނާ ދެކޮޅަށް މާ ބޮޑު ދެކޮޅުވެރިކަމެއް ނުދެއްކި ނަމަވެސް ކާފިއުގެ އަމުރާ އެކު އާންމުން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ކުރަމުންދާ މަސައްކަތުގައި ކުރިމަތިލުން ހިނގައި އާންމުންގެ ބައެއް މީހުންނަށް އަނިޔާވެ މިހާތަނަށް 4 މީހަކު ހޮސްޕިޓަލަށް ގެންގޮސްފައި ވާ ކަމަށް ހަބަރު ލިބެއެވެ. އަދި ލަންކާގެ ބޮޑުވަޒީރުގެ ގެކޮޅަށް ވަނުމަށް މަސައްކަތް ކުރާ މީހުން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން ކަަރުނަގޭސްވެސް ބޭނުން ކުރާ ކަމަށް ހަބަރު ލިބެއެވެ.

އުމުރުފުޅުން 73 އަހަރުގެ ގޮތަބަޔާ ފިއްލަވައިގެން ރޭ ރާއްޖެ ވަޑައިގެންނެވި އިރު، އޭނާ ލައްޕަން އެއާޕޯޓަށް ވަޑައިގަތީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ރޭ ދަންވަރު 3 ޖަހަނިކޮށް ރާއްޖެ އައި އަސްކަރީ އެއާކްރާފްޓުގައި ގޮތަބަޔާއާއި އަނބިކަނބަލުން އަދި 2 ބޮޑީގާޑުން އައެވެ.

ގޮތަބަޔާ ފިއްލަވާފައި މިވަނީ، ލަންކާގެ އިގްތިސޯދީ ހާލަތު މީން ޒަމާނެއްގައިވެސް ނުވެއްޓޭހާ ދަށަށް ވެއްޓި، ތެލާއި، ކާބޯތަކެއްޗާއި ބޭހަށް ޖެހި، އާންމު ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި، ދިގުލައި ދާ މުޒާހަރާތަކަކާއެކު މަގާމުން އިސްތިއުފާ ދެއްވަން އެއްބަސްވެ ވަޑައިގެން އެކަން މިއަދު ގޮތަބަޔާ އިއުލާން ކުރައްވަން ނިންމަވާފައެވެ.

ލަންކާގައި ކުރަމުން ދާ މުޒާހަރާތަކާ ގުޅިގެން، ބޮޑުވަޒީރު ކަމުގައި ކުރިން ހުންނެވި މަހިންދަ ރާޖަޕަކްސަވެސް ވަނީ މަޖުބޫރުވެވަޑައިގެން އިސްތިއުފާ ދެއްވާފައެވެ. އޭގެ ފަހުން ބޮޑުވަޒިރު ކަމާ ހަވާލުވެވަޑައިގަތް ރަނިލްގެ ގެކޮޅުގައި މީގެ ކުރިން ރޯކޮށްލައި މުދަލަށް ގެއްލުން ދީފައި ވާ އިރު އޭނާވެސް ވަނީ އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވާފައެވެ.

އަދި މިހާރު މަޝްވަރާ ކުރެވެނީ، ހުރިހާ ޕާޓީތަކެއް ތަމްސީލު ކުރާ ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށެވެ. އެ މަޝްވަރާތަކުގެ ރަސްމީ ނިންމުން ހާމަ ނުކުރި ނަމަވެސް، އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ނިންމާފައި އޮތީ، އަންނަ ހުކުރު ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވާ، މިމަހުގެ 20 ވާ ބުދަދުވަހު އާ ރައީސަކު ހޮވުމުގެ ވޯޓު ނެގުމަށް ފާސްކުރުމަށެވެ.