މަސްރަހު އިންތިހާއަށް ނުތަނަވަސް ވެފައި ވަނިކޮށް ގައުމު ދޫކުރައްވާ ފިއްލަވަން އުޅުއްވާ ކަމުގެ ތުހުމަތު އަމާޒު ވެފައި ވާ ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާއި ކުރީގެ މާލީ ވަޒީރު ކަން ކުރެއްވި ބާސިލް ރާޖަޕަކްސައަށް އަމިއްލަ ގައުމުން ފުރާވަޑައިގެންނެވޭ ގޮތް ނުވެ، ބޮޑު ލަދެއްގައި ބެދި ވަޑައިގެންފިއެވެ.

ލަންކާގެ މަސްރަހުން، އެކި މަސްދަރުތަކުން ރިޕޯޓް ކުރަމުން ދާ މައުލޫމާތުތަކުގައި މި ދަނޑިވަޅުގައި ފަރަގުތަކެއް ހުރި އިރު، ހަގީގަތް އެންމެ ފުރިހަމައަށް އަދި ކަށަވަރު ނުވާ ކަން ފާހަގަ ކުރަން ޖެހެއެވެ.

ބައިނަލްއަގުވާމީ ހަބަރު ފަތުރާ އާރްއެފްއައި އިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި ގޮތަބަޔާ ގައުމު ދޫކުރައްވާ، ފުރާވަޑައިގަންނަވަން އުޅުމުން އެމަނިކުފާނަށް ހުރަސް އަޅާފައި ވަނީ އެއާޕޯޓްގެ އިމިގްރޭޝަން މުވައްޒަފުންނެވެ. އެގޮތުން އިއްޒަތްތެރިންނަށް ހާއްސަ ކޮށްފައި ވާ ވީއައިޕީ ސުއީޓަށް ގޮސް، ގޮތަބަޔާގެ ޕާސްޕޯޓްގައި ސްޓޭމްޕް ޖެހުމަށް އިމިގްރޭޝަން މުވައްޒަފުން ދެކޮޅު ހަދާފައި ވާ އިރު، ގޮތަބަޔާ ވަނީ އާންމުން ދާ ރޫޓޫން ވަޑައިގަތުމަށް އިންކާރު ކުރައްވާފައެވެ. ސަބަބެއް ކަމުގައި ބެލެވެނީ އެއާޕޯޓް ބޭނުން ކުރާ އާންމުންގެ ފަރާތުން ނުރައްކަލަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުގެ ބިރު އޮތުމެވެ.

ސްރީލަންކާގެ މަސްރަހު ގޯހުން ގޯހަށް ގޮސް، އާންމުންގެ ބަޔަކު ނުކުމެ ރައީސްގެ ރަސްމީ ގެކޮޅަށް ބޮޑެތި ގެއްލުންތަކެއް ދީ، އެ ގެކޮޅަށް ވަދެގެންފައި ވާ އިރު، ގޮތަބަޔާއާއި އަނބިކަނބަލުން މިދިޔަ ދުވަސްތަކުގައި ހިމާޔަތް ހޯއްދަވާފައި ވަނީ، އެއާޕޯޓާއި ދާދި ކައިރީގައި ހުންނަ އަސްކަރީ މަރުކަޒެއްގައި ކަމަށް ހަބަރު ލިބެއެވެ. އެއީ އެކުވެރި އަރަބި އިމާރާތަށް ވަޑައިގަންނަވަން އޮތް ފްލައިޓަށް އަރާ ވަޑައިގެންނެވޭ ގޮތް ނުވުމުން ކަމަށް ހަބަރު ލިބެއެވެ.

ގޮތަބަޔާގެ އެންމެ ހަގު ކޮއްކޯފުޅު އަދި އޭޕްރިލް މަހު މާލީ ވަޒީރު ކަމުން އިސްތިއުފާ ދެއްވި ބާސިލް ރާޖަޕަކްސަވެސް މިވަގުތު ހުންނެވީ އަމިއްލަ ގައުމުން ފުރާވަޑައިގެންނެވޭ ގޮތް ނުވެއެވެ. އެއާޕޯޓް މުވައްޒަފުންގެ ސަބަބުން ބާސިލްއަށްވެސް ފުރާ ވަޑައިގެންނެވޭ ގޮތް ނުވެފައި ވާ އިރު، އޭނާ މަސައްކަތް ކުރެއްވީ އެމިރޭޓްސް ފްލައިޓެއްގައި ދުބާއީއަށް ވަޑައިގަތުމަށެވެ.

ބާސިލް ވަނީ ބިޒްނަސް ކްލާސް ދަތުރުވެރިންނަށް އޮންނަ ފައިސާ ދީގެން އަވަސް ހިދުމަތް ހޯދާ ރޫޓުން ވަޑައިގަތުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އިމިގްރޭޝަން ސްޓާފުން ވަނީ، ކުއްލި ގޮތަކަށް އެ ހިދުމަތް މެދުކަނޑާލާފައެވެ.

އެއާޕޯޓް އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވެފައި ވާ ގޮތުގައި، އެ ފަސެންޖަރުން ދަތުރު ކުރާ ފްލައިޓެއްގައި ބާސިލް ދަތުރު ކުރެއްވުމަށް ދެކޮޅު ހަދާ ބައެއް ފަސެންޖަރުން ވަނީ އިހުތިޖާޖު ކޮށްފައެވެ. މަސްރަހު އިންތިހާއަށް ނުތަނަވަސްވި ކަމަށާ، އެހެން ކަމުން ވީ އެންމެ އަވަހަކަށް، އެއާޕޯޓް ދޫކުރައްވާ ބާސިލް ވަޑައިގެންނެވި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ސްރީލަންކާގެ ރައީސްއަށް ކަނޑައަޅާފައި ވާ ރަސްމީ ގެކޮޅުގައި ހުރި މުހިންމު ލިޔެކިއުންތަކާއި ގިނަ އަދަދެއްގެ ފައިސާ، މިހާރު ހުރީ ކޮލަމްބޯ ކޯޓްގެ ބެލުމުގެ ދަށުގައެވެ.

ކަން މިހެން އޮތް އިރު، ރައީސް މިވަގުތު ހުންނެވި ތަނެއްގެ ތަފްސީލެއް، ރަސްމީ ސިފައެއްގައި ރައީސް އޮފީހުން ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް އަސްކަރިއްޔާގެ އެންމެ އިސްވެރިޔާގެ މަގާމުގައި އަދިވެސް ހުންނެވީ ގޮތަބަޔާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާ ހުންނެވީ ހައްޔަރު ނުކުރާނެ ކަމުގެ ކަށަވަރުކަން ނުވަތަ އިމިއުނިޓީ ހޯއްދަވައިގެން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކަނޑު މަގުން، އަސްކަރީ އުޅަނދެއްގައި ގައުމު ދޫކުރައްވާ ވަޑައިގަތުމުގެ ފުރުސަތު އަދިވެސް ގޮތަބަޔާއަށް އޮތް އިރު، ދިވެހިރާއްޖެއަށް ނުވަތަ އިންޑިއާއަށް ވަޑައިގަތުމުގެ އިހުތިޔާރު އެބައޮތް ކަމަށްވެސް ސްރީލަންކާގެ ދިފާއީ މަސްދަރަކާ ހަވާލާދީ ލަންކާއާއި ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

މި ދަނޑިވަޅަކީ ސްރީލަންކާގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ގޮތަބަޔާ ވިދާޅުވެފައި ވާ ދަނޑިވަޅެކެވެ. ޖުލައި 13 ވަނަ ދުވަސް (މާދަމާ) ރައީސް ކަމުން ގޮތަބަޔާ ފައިބާވަޑައިގަންނަވާނެ ކަމަށް ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޔަޕާ އަބޭވަރުދަނާ އިއުލާން ކުރައްވާފައި ވާ އިރު، ހުދު ގޮތަބަޔާވެސް ވަނީ އިސްތިއުފާ ދެއްވާނެ ކަން ބޮޑުވަޒީރަށް އަންގަވާފައެވެ. ނަމަވެސް ތާރީހެއް ކަށަވަރު ކޮށް ނުދެއްވައެވެ.

ގޮތަބަޔާ މިހާރު ވަނީ ގައުމު ދޫކުރައްވާ ވަޑައިގެންފައި ކަމަށް ވިދާޅުވެވުނީ އޮޅުމަކުން ކަމަށްވެސް ޔަޕާ ވަނީ އިއުތިރާފުވެ ވަޑައިގެންފައެވެ. ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ޔަޕާ ވަނީ، ގޮތަބަޔާ ހުންނެވީ އަވަށްޓެރި ގައުމެއްގައި ކަމަށާ، ބުދަ ދުވަހުގެ ވަގުތެއްގައި އަނބުރާ ލަންކާއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ އޮޅުމެއްގެ ތެރެއިން ވިދާޅުވެވުނު އެއްޗެއް ކަމަށް، އިންޑިއާގެ ދުވަހު ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވި ކަމަށް، ލަންކާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން