ޖުލައި މަހުގެ ބޮޑުބައި ސަރުކާރު ބަންދު ވެ، އާމްދަނީ އިތުރުކުރާނެ ގޮތެއް ނެތުމުން ސައިރިކްސް ކޮލެޖުގެ ޗެއާމަން އަދި އެމްއެންޕީގެ ނައިބު ރައީސް އަހްމަދު ޝަރީފް ފާޑުވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ ޖުލައި މަހު މަސައްކަތް ކުރުމަށް އޮތީ އެންމެ 11 ދުވަސް ކަމަށާއި ތަދުމަޑުކަމެއްގައި ރާއްޖެ އޮތް އިރު ސަރުކާރުން ބަންދު ދުވަސްތަށް ކަނޑައަޅާފައި ދެން އިއުލާން ކުރަނީ ޓެކުސް އިތުރަށް ނަގާ ވާހަކަތައް ކަމަށެވެ.

ދާދިފަހުން ފިނޭންސް މިނިސްޓަރު ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ތަކެތީގެ އަގު އިތުރަށް ބޮޑުވެގެން ދާނެ ކަމަށާއި ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ނިންމާފައިވާކަން އިއުލާން ކުރައްވާފައެވެ. ޝަރީފުގެ އެ ވާހަކަތައް އަމާޒު ކުރެއްވީ ފިނޭންސް މިނިސްޓަރުގެ ވާހަކަތަކަށެވެ.

ޝަރީފް ވަނީ މުޅި މަހަށް ހަރަދު ހިނގާނެ ކަމަށާއި އެހެންނަމަވެސް މަސައްކަތް ނުކޮށް އާމްދަނީ އިތުރުކުރާނެ ގޮތަކީ ކޮބައިތޯ އައްސަވާ ސުވާލު އުފައްދަވާފައެވެ.

ރާއްޖޭގެ ދަރަނި އިތުރަށް ބޮޑުވެ އިގުތިސާދީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން ޓެކްސްތައް ބޮޑުކުރަން ނިންމާފައި ވާތީ އިގްތިސޯދީ މާހިރުންނާއި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ހުރީ މައްޗަށެވެ. ނިމިދިޔަ މަހުގެ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް މަތިވި ނިސްބަތް ވަނީ 3 ޕަސެންޓާ ގާތަށް އުފުލިފައެވެ. އޭގެތެރޭގައި އާންމު ކޮށް ކެއުން ބުއިމަށާއި، ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނާއި އެހެނިހެން ތަކެތީގެ އަގަށް އައި ބަދަލު ހިމެނެއެވެ. ބައެއް ތަކެތިން 45ރ. ވަނީ ބޮޑުވެފައެވެ.