ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން މިދިޔަ މަހުގެ 21 ގައި ބޭއްވި ހަރަކާތާ ދެކޮޅަށް ކުރި އިހްތިޖާޖުގައި ހަމަނުޖެހުން ހިންގައި އެ ހަރަކާތަށް ހުރަސްއެޅި ކަމަށް ބުނެ، ހައްޔަރުކުރި މީހުން ތިބި ކަސްޓޯޑިއަލަށް އިންޑިއާ ހައިކޮމިޝަނުގެ ބައެއް އޮފިޝަލުން ދިޔަ ކަމަށް ކުރި ތުހުމަތުތައް ފުލުހުން ދޮގުކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެރޭ ލެވެންޑާ ރެސްޓޯރަންޓުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ގާނޫނީ ވަކީލުންގެ ތެރޭ ހިމެނިވަޑައިގަންނަވާ އަހްމަދު ރާޣިބު ވިދާޅުވި ގޮތުގައި، ހައްޔަރުކުރި މީހުން ތިބި ކަސްޓޯޑިއަލަށް އިންޑިއާ ހައިކޮމިޝަންގެ ބައެއް އޮފިޝަލުން ވަދެ، ބަންދުގައި ތިބި މީހުންނާ ހުތުރު ބަހުން މުއާމަލާތްކޮށްފައިވެއެވެ.

އެ ވާހަކަތަކާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖުގައި ފުލުހުން ބުނީ، އެ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުން ތިބި ކަސްޓޯޑިއަލަށް އިންޑިއާ ހައިކޮމިޝަންގެ އޮފިޝަލުން ވަތް ކަމަށް، އެ މީހުންގެ ވަކީލުންނާ ހަވާލާދީ ބައެއް މީޑިއާތަކުގައިވާ ހަބަރުތަކަކީ ހަގީގަތާ ހިލާފު ހަބަރުތަކެއް ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އެފަދަ ހަބަރުތައް ގެނެސްދިނުމަކީ އާންމުންގެ މެދުގައި ފުލުހުންނާ މެދު އޮންނަ އިތުބާރު ގެއްލި، ފުލުހުންނާ މެދު ނަފްރަތު އުފެދޭ ފަދަ ކަމެކެވެ. ވުމާއެކު، އެފަދަ ހަބަރުތައް ގެނެސްދޭއިރު، އިތުބާރު ހުރި މަސްދަރަކުން ޔަގީން ކުރުމަށްފަހުގައި ނޫނީ ހަބަރުތައް ނުގެނައުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން މިހާރު 21 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެ މީހުންގެ ތެރެއިން ބައެއް މީހުންގެ މައްޗަށް މުދަލަށް ގެއްލުން ދިނުމާއި ޓެރަރިޒަމްގެ ތުހުމަތު ފުލުހުން ވަނީ ކޮށްފައެވެ.