ހަނގުރާމަ ގަދަވެފައި ވާ ޔޫކްރައިނުން ބައެއް ގައުމުތަކަށް ކަނޑައަޅާފައި ތިއްބަވާ މަންދޫބުންތަކެއް މަގާމުން ދުރުކޮށްފައި ވާ އިރު، އެފަދަ ގޮތަކަށް މަންދޫބުން މަގާމުން ދުރު ކުރުމަކީ ޑިޕްލޮމެޓިކް ހަރަކާތުގައި އާންމު ކަމެއް ކަމަށް، ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ޔޫކްރައިނުން ބައެއް ގައުމުތަކަށް ކަނޑައަޅާފައި ވާ މަންދޫބުން މަގާމުން ދުރުކޮށްފައި ވަނީ، އެ މަގާމުތަކަށް އެހެން ބޭފުޅުން އައްޔަން ކުރުމުގެ ބޭނުމުގައި ކަމުގެ އިޝާރާތެއް ވަނީ ލިބިފައެވެ. ނަމަވެސް މަގާމުން ދުރުކުރި މަންދޫބުން، އެހެން މަގާމުތަކަކަށް އައްޔަން ކުރެވޭނެ ކަމެއް ނުވަތަ ނޫން ކަމެއްވެސް އަދި ކަށަވަރެއް ނުވެއެވެ.

ޒެލެންސްކީގެ ނިންމެވުމުގެ ދަށުން މަގާމުން ދުރުކޮށްފައި ވަނީ ޔޫކްރައިނުން އިންޑިއާ، ޖަރުމަނުވިލާތް، ޗެކް ރިޕަބްލިކް، ނޯވޭ އަދި ހަންގޭރީއަށް ކަނޑައަޅާފައި ތިއްބަވާ މަންދޫބުންނެވެ.

އެ މަންދޫބުން މަގާމުން ދުރުރެކުރި ސަބަބެއް ކަނޑައެޅިގެން ސާފެއް ނުވެއެވެ.

ފެބުރުއަރީ 24 ވަނަ ދުވަހު ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، ހަނގުރާމަ ވަރުގަދަ ކޮށްފައި ވާ އިރު، އެ ގައުމަށް ބޭނުން ވާ ބައިނަލްއަގުވާމީ އެހީ ހޯދުމުގެ މަސައްކަތް މެކުހަށް ޖެއްސެވުމަށް، ޒެލެންސްކީ ވަނީ ޔޫކްރައިންގެ ޑިޕްލޮމެޓުންނަށް ގޮވާލައްވާފައެވެ.

ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް، ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާފައި ވަނީ އަސްކަރީ ހާއްސަ އޮޕަރޭޝަނެއްގެ ނަމުގައެވެ. ހަނގުރާމައެއްގެ ނަން ދިނުމަށް ރަޝިއާއިން އިންކާރު ކުރަމުން ދާ އިރު، ހަމަލާ ބަދަލު ކުރުންތަކުގައި އާންމުންނަށް އަމާޒު ކޮށްގެން ހަމަލާ ދޭ ކަމަށް ދެކެވޭ ވާހަކަތަކަށްވެސް ރަޝިއާއިން އިންކާރު ކުރެއެވެ.

ރަޝިއާއިން ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައިގެ ސަބަބުން އިންސާނީ ކާރިސާއެއް އުފެދިފައި ވާ އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ލީޑަރުންތަކެއް ގެންދަވަނީ، ޔޫކްރައިންގެ މައްސަލައަށް ޑިޕްލޮމެޓިކް އިމުގެ ތެރެއިން ހައްލު ހޯއްދުމަށް ބާރު އަޅުއްވަމުންނެވެ. އަދި ޔޫކްރައިންގެ ހަނގުރާމަ ގޯހުން ގޯހަށް ގޮސް، މީހުންގެ ފުރާނައާއި މުދަލާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާއިރު، އެކަމާ ގުޅިގެން ގިނަ ލީޑަރުންތަކެއް ވަނީ ކަންބޮޑުވުންވެސް ފާޅު ކުރައްވާފައެވެ.