ލަންކާގައި މިހާރު ކުރިއަށް ދާ ހަމަނުޖެހުންތަކުގައި ބައިވެރިވާ އާންމުން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގްހަގެ ގެކޮޅަށް ވަދެ ރޯކޮށްލައިފިއެވެ.

ބޮޑުވަޒީރުގެ އޮފީހުން ދާދި ދެންމެ ހާމަ ކޮށްފައި ވާގޮތުން މުޒާހަރާގެ ބައިވެރިން އެ ގެކޮޅަށް ވަދެ ރޯކޮށްލި އިރު ރަނިލް ވަނީ ރައްކާތެރި ތަނަކަށް ބަދަލުވެވަޑައިގެންފައެވެ.

ރަނިލް އާއި އާއިލާގެ ބެފުޅުން ދިރިއުޅުއްވާ ގެކޮޅު ހުންނަނީ ކޮލަމްބޯގެ ވިޔާފާރި އޭރިޔާގައެވެ.

ލަންކާއަށް ދިމާވެފައި ވާ އިގުތިސޯދީ މައްސަލަތަކާ ގުޅިގެން އާންމުން މަގުތަކަށް ނިކުމެ ކުރަމުން ދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިއަދަކީ ބޮޑު ދުވަހެޖެވެ. މުޅި ލަންކާގެ އެތަން މިތަނުން އާންމުން ކޮލަމްބޯއަށް ވަދެ، ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ގެކޮޅު ވަނީ ހިފާފައެވެ. ފުލުހުންނާ ކުރިމަތިލުންތައް ހިނގިޔަސް މިހާތަނަށް އެއްވެސް މީހެއްގެ ފުރާނަ ދިޔަކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.

މުޒާހަރާގެ ބައިވެރިން ގޮތަބަޔާގެ ގަނޑުވަރަށް ވަދެގަންއިރު ގޮތަބަޔާ ވަނީ ރައްކާތެރި ތަނަކަށް ބަދަލު ކޮށްފައި ކަމަށް ބައެއް ހަބަރުތައް ބުނެއެވެ. އަދި އެހެން ބައެއް ހަބަރުތައް ބުނާގޮތުން ގޮތަބަޔާ ފިއްލަވަން އަސްކަރީ އުޅަނދަކަށް ވަޑައިގަންނަވާ މަންޒަރު ބައެއް މީހުންނަށް ފެނިފައި ވެއެވެ. ނަމަވެސް މިކަން ލަންކާގެ ރަސްމީ އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެއެވެ.

މުޒާހަރާގެ ބައިވެރިން މިއަދު ދެން މިސްރާބު ޖެހީ، ބޮޑުވަޒީރުގެ ގެކޮޅަށެވެ. ބައިވެރިން އެ ގެކޮޅަށް ވަދެ ރޯކޮށްލި އިރު މިއަދު ރަނިލް ވަނީ ޕާޓީތަކާއެކު މަޝްވަރާ ކުރައްވައި އިސްތިއުފާ ދެއްވަން އެއްބަސްވެވަޑައިގެންފައެވެ.