އެތެރޭގެ އުދުހުންތަކުގައި ރެކޯޑު އަދަދަކަށް މިއަދު ފަސިންޖަރުން ދަތުރުކޮށްފައިވާ ކަމަށް، އެމްއޭސީއެލުން ބުނެފިއެވެ.

އެ ކުންފުނިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 3،300 އަށް ވުރެ ގިނަ ފަސިންޖަރުން އެތެރޭގެ މަންޒިލްތަކަށް ދަތުރުކޮށްފައިވާއިރު، ޑޮމެސްޓިކް އެއާ ޓްރެފިކް ވަނީ 125 އަށް އަރައިފައެވެ.

ރެކޯޑު އަދަދަކަށް މީހުން މިއަދު ދަތުރުކޮށްފައި މި ވަނީ ސްކޫލް ޗުއްޓީ އާއި އީދު ބަންދާ ދިމާކޮށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރުގެ ބަންދާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު ޕާސްޕޯޓު ހެއްދުމަށް ކިޔޫގައި ޖެހި، އިމިގްރޭޝަނަށް ބާރު ބޮޑުވެގެން ދިޔައެވެ.

ވުމާއެކު، މި ދުވަސްވަރު އެއާޕޯޓަށް ގިނަ ފަސިންޖަރުން ދާނެތީ، އިންޓަނޭޝަނަލް ޓާމިނަލަށް ދާ ފަސިންޖަރުން ފުރުމުގެ ތިން ގަޑިއިރު ކުރިން، އަދި ޑޮމެސްޓިކް ޓާމިނަލުން ދަތުރުކުރާ ފަސިންޖަރުން ފުރުމުގެ ދެ ގަޑިއިރުގެ ކުރިން ޗެކިންވާން ވަނީ އަންގައިފައެވެ.

މިއަދު ރެކޯޑު އަދަދަކަށް މީހުން ދަތުރުކޮށްފައިވާއިރު، އެތެރޭގެ އުދުހުންތައް ކަމަށްވާ މަންތާ އެއާ އާއި ފްލައިމީގެ އިތުރުން، މޯލްޑިވިއަނުން ވަނީ ފްލައިޓްތައް އިތުރުކޮށްފައެވެ.