ލީކުކޮށްލާފައިވާ ވީޑިއޯތަކާ ގުޅިގެން، ސިޔާސީ ބައެއް ފަރާތްތަކާ އެކު އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގިރި އާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް ނަޞީދު)ގެ ޕާސްޕޯޓު އިއްޔެ ހިފަހައްޓައިފިއެވެ.

ސިޔާސީ އެކި ފަރާތްތަކާއި ވިޔަފާރިވެރިންތަކާ އެކު އަލަމްގިރި އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާއި، އެކަން ކުރަނިކޮށް ވީޑިއޯ ނަގައި ބްލެކްމެއިލް ކުރި މައްސަލައެއް ވެސް ފުލުހުން ބަލަން ފަށާފައިވެއެވެ.

އޭގެ ތެރޭގައި ކާނަލް ނަޝީދުގެ ވީޑިއޯ ވެސް ހިމެނޭއިރު، އޭނާ އާއި އަލަމްގިރިގެ ޕާސްޕޯޓު ވަނީ އެ މައްސަލައިގައި އިއްޔެ ހިފަހައްޓާފައެވެ.

ނަޝީދުގެ ވީޑިއޯއެއް އެންމެ ފުރަތަމަ ލީކު ކޮށްލާފައި ވަނީ މިދިޔަ ހޯމަ ދުވަހުގައެވެ. އެ ދުވަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާލުވީ ދައުރުވަމުންދާ ވީޑިއޯއަކީ އޭނާގެ ވީޑިއޯ އެއް ކަމަށާއި، އޭނާ އެ ކޮޓަރިއަށް ދިޔައީ ވިޔަފާރި މީޓިން އަކަށް ކަމަށެވެ

"އަޅުގަނޑު އެކަމުން ބަރީއަވިން. އެ މީހުން މި ފޮޓޯތައް ލީކުކޮށްލާނެ ކަމުގެ ބިރު ދެއްކި. 2 ލައްކަ ޑޮލަރު ހޯދަން އެދުނު. އަޅުގަނޑު ބުނިން ލީކްކޮށްލާށޭ، ލާރިޔެއް ނުލިބޭނެއޭ." ނަޝީދު ކުރެއްވި ޕޯސްޓުގައި ވެއެވެ.

ނަޝީދު ވަނީ އޭނާގެ ބަރަހަނާ ފޮޓޮއެއް ނުހުންނާނެ ކަމަށާއި، އެފަދަ އަމަލެއް ނުކުރުއްވާ ކަމަށްވެސް ވިދާޅުވެފައެވެ.

ނަމަވެސް އޭނާ އެހެން ވިދާޅުވި ފަހުން، އޭނާ ކަމަށް ބުނާ މީހަކު ބަރަހަނާ ހާލުގައި އޮންނަ ވީޑިއޯއެއް ލީކު ކޮށްލާފައި ވެއެވެ

ކާނަލް ނަޝީދުގެ އިތުރުން، މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި އިތުރު ފިރިހެނަކާއި އަންހެނަކު ކަމަށް ބެލެވޭ މީހަކު ބަރަހަނާ ހާލުގައި އޮތް ފޮޓޮއަކާއި، ގާނޫނީ ވަކީލް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ވީޑިއޯއެއް ވެސް ލީކުވެފައި ވާއިރު، ދެ ބޭފުޅުން ވެސް ވަނީ ކުރެވޭ ތުހުމަތުތަކަށް ދޮގު ކުރައްވާފައެވެ.