އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށާއި، އެކަމުގައި ބައިވެރިވާ ހުރިހާ އެންމެނަށް އިސްލާމީ ޝަރީއަތުގައި އޮތް ގޮތަށް އަދަބު ދިނުމަށް، ސަރުކާރު ކޯލިޝަންގެ އެއް ޕާޓްނަރު އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލިހުން ގޮވާލައިފިއެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލިހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެއް ޖިންސުން ގުޅުން ހިންގުން ފަދަ އަމަލުތައް ކުރާ މީހުންގެ ސަބަބުން މުޖުތަމައުގައި ނުރައްކާތެރި ބަލިތައް ފެތުރޭ ކަމަށާއި، އެފަދަ އަމަލުތަކުގެ ސަބަބުން މާތް ﷲ، ކުރީގެ ބައެއް އުންމަތްތައް ހަލާކު ކުރައްވާފައިވާ ކަމަށެވެ.

އޭގެ އިތުރުން، އަދާލަތުގެ އިލްމުވެރިންގެ މަޖިލިހުން ބުނި ގޮތުގައި:

  • ސޯޝަލް މީޑިއާގައި މިހާރު ދައުރުކުރަމުންދާ މަންޒަރުތަކުގެ ސަބަބުން ދިވެހިންގެ އިސްލާމްވަންތަކަން ކިލަނބުކޮށްލާ
  • އެފަދަ މަންޒަރުތައް ފެތުރުމުގެ ސަބަބުން އިޖުތިމާއީ ފޭރާން ވީދި، މުންކަރާތްތައް އާންމުވުމަށް މަގުފަހިވޭ
  • އެފަދަ އަމަލުތަކަކީ ދެ ދުނިޔޭގައި ވެސް މާތް ﷲ ގެ ކޯފާ ހައްގުވެގެންދާ އަމަލުތަކެއް

ވުމާއެކު، އެއް ޖިންސުން ގުޅުން ހިންގުން ފަދަ އަމަލުތައް ހިންގައި، އެކަމުގައި ޝާމިލްވާ މީހުން ދެނެގަތުމަށް ފަހު، އެ މީހުންނަށް ޝަރީއަތް ހިންގައި، ދައުވާ ސާބިތުވާ ފަރާތްތަކަށް އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ހައްގު އަދަބު ދިނުމަށް އަދާލަތުގެ އިލްމުވެރިންގެ މަޖިލިހުން ގޮވާލައެވެ.

"އަދި މިކަމުގެ ތެރެއިން އިންސާނީ ވަގުފާރީގެ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާ މެދު ވެސް އިސްލާމްދީނުގައި އައިސްފައިވާ ހައްގު ފިޔަވަޅު އެޅުމަށް ގޮވައިލަން. އަދި މާތް ﷲ އަށް ބިރުވެތިވެ މިފަދަ މުޑުދާރު ފާހިޝް އަމަލުތަކުން ދުރުވެ ތިބުމަށް އެންމެހާ ދިވެހި ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތްކުރަން." އަދަލަތުގެ ބަޔާނުގައި ބުނެއެވެ.

ހަމަ އެއާއެކު، މިފަދަ އަމަލުތަކުން އަންނަން އޮތް ޖީލުގެ ދިފާއުގައި ނުކުންނަން ޖެހޭނެ ކަމަށް އަދާލަތުގެ އިލްމުވެރިންގެ މަޖިލިހުން ބުނެފައިވެއެވެ. އެކަމަށްޓަކައި ކަމާބެހޭ ފަރާތްތަކާއި ބެލެނިވެރިން ގުޅިގެން މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި، ނަމަވެސް އެކަން އެގޮތަށް ކުރެވެމުން ނުދާ ކަމަށް ބުނެ، އަދާލަތުގެ އިލްމުވެރިންގެ މަޖިލިހުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި މިފަދަ ފާހިޝް އަމަލުތައް ފެތުރިގެން ދިއުމުގެ ކުރިން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުން ފެށިގެން ހުރިހާ ފަރާތްތަކުން ވެސް އަންނަން އޮތް ޖީލުގެ ދިފާއުގައި ތެދުވުމަށް ވަނީ ގޮވާލައިފައެވެ.

އެއްޖިއްސުން ގުޅުން ހިންގާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކަކާއި ވީޑިއޯތަކެއް މިފަހުުން ސޯޝަލް މީޑިއާގައި ލީކުކޮށްލާފައި ވާއިރު، އެއް ފޮޓޯއިން ފެންނަނީ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް ބުނާ މީހަކާއި އިތުރު ފިރިހެނަކާއި އަންހެނަކު ބަރަހަނާ ހާލުގައި ތިވޭ ތަނެވެ.

ދެން ފެންނަނީ ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިއަކު ފިރިހެނަކާއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެކެވެ. އޭގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ކަމަށް ބުނާ މީހަކު ބަންގްލަދޭޝް ފިރިހެނަކާ އެކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ވެސް ވަނީ ވައިރަލް ވެފައެވެ. އަދި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް)، ނާޒިމް ވަން ކޮޓަރިއަށް ވަންނަ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ ލީކް ކޮށްފައެވެ.

މި މަންޒަރުތައް ލީކް ކޮށްލުމުން އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީޙުން ހައްޔަރު ކުރުމަށް ގިނަ ބަޔަކު ގޮވާލާފައި ވާއިރު، އެ މީހުން ދޫކޮށްލާފައި ތިބުމަކީ އެ ފަދަ ކުށްކުރާ މީހުންނަށް ލިބޭނެ ހިތްވަރެއް ކަމަށް ބުނެ، ސަރުކާރަށް އަމާޒުކޮށް ގިނަ ބަޔަކު ފާޑު ވެސް ކިޔާފައިވެއެވެ.