ފަލަސްތީނުގައި އިޒްރޭލުން ހިންގަމުން ދިޔަ ރެއިޑެއް ކަވަރު ކުރަމުން ދަނިކޮށް ބަޑީގެ ހަމަލާއެއް އަމާޒުވެ، މި ދުނިޔެއާއި ވަކިވެ ދިޔަ އެމެރިކާ ދަރިކޮޅުގެ ފަލަސްތީނު ނޫސްވެރިޔާ ޝީރީން އަބޫ އަގްލީ ބޮލަށް އެރި ވަޒަނުގެ ޓެސްޓު ނަތީޖާ، އެމެރިކާއިން އާންމު ކޮށްފިއެވެ.

ޝީރީންގެ "މަރުގެ އެތިފަހަރަކަށް" ވި ވަޒަން އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާ، އެ ވަޒަނަކީ އިޒްރޭލުން ނުވަތަ ފަލަސްތީނުން ޖެހި ވަޒަނެއްތޯ ކަށަވަރުކޮށް ނިންމަން ނޭނގޭ ކަމަށްވެސް އެމެރިކާގެ ރިޕޯޓްގައި ވެއެވެ. އެ ހަމަލާއަކީ އިޒްރޭލުގެ ބާރުތަކުން ދިން ހަމަލާއަކަށް ވުން ގާތް ކަމަށާ، ނަމަވެސް އެ ހަމަލާއަކީ ކަނޑައެޅިގެން ޝީރީންއަށް އަމާޒުކޮށްގެން، ގަސްތުގައި ދިން ހަމަލާއެއް ނޫން ކަމަށްވެސް އެމެރިކާއިން ވަނީ ބުނެފައެވެ.

ޝީރީންގެ މަރާ ގުޅިގެން އިޒްރޭލާ ދެކޮޅަށް، ރުޅިވެރިކަމާއި ނަފްރަތު އިތުރަށް ގަދަވެގެން ދިޔައިރު، އިޒްރޭލުން ބުނަމުން ދިޔައީ އެ ހަމަލާގެ އިލްޒާމް ކަނޑައެޅިގެން އިޒްރޭލަށް އަދި އަމާޒު ކުރެވޭނެ ޖާގައެއް ނެތް ކަމަށެވެ.

އިޒްރޭލުން މީގެ ކުރިން ބުނެފައި ވަނީ ހަމަލާ ދިން ކަމަށް ޝައްކު ކުރެވޭ ބަޑި ދެނެގަނެވިފައި ވާ ކަމަށެވެ. ނަމަވެސް ވަޒަން އޮތް ހާލަތުން އެކަން ކަށަވަރު ވާން ނެތް ކަމަށް ހޯމަ ދުވަހު އިޒްރޭލުން ވަނީ ބުނެފައެވެ.

ޝީރީން މަރުވީ ފަލަސްތީނުން ދިން ބަޑީގެ ހަމަލާއެއްގެ ސަބަބުން ނޫން ކަމަށް އަދި ކަނޑައެޅެން ނެތް ކަމަށް އިޒްރޭލުން ދަނީ ވަކާލާތު ކުރަމުންނެވެ. ނަމަވެސް އިންސާނީ ހައްގުތަކާ ބެހޭ އދގެ އޮފީހާއި، މަންޒަރު ދުށް މީހުންގެ އިތުރުން ތަހުގީގީ ނޫސްވެރިން ވަނީ، އެ ހަމަލާއަކީ އިޒްރޭލުގެ ހަމަލާއެއް ކަމަށް އިއްތިފާގުވެފައެވެ.

ޝީރީންގެ ބޮލަށް އެރި ވަޒަނުގެ ތަހުގީގުތަކެއް ހިންގުމަށް ފަލަސްތީނުން އެ ވަޒަން އިޒްރޭލާ ހަވާލު ކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ފަލަސްތީނުން ވަނީ ތަހުގީގުތަކުގައި އިޒްރޭލު ބައިވެރި ނުކުރުމަށް ޑިމާންޑް ކޮށްފައެވެ.

ވަކި ފަރާތަކަށް އިލްޒާމު އަމާޒު ނުވާ ގޮތަށް އެމެރިކާއިން ނެރުނު ހައްސާސީ ރިޕޯޓާ ގުޅިގެން ފަލަސްތީނުން ދަނީ ރުޅިވެރިކަން ފާޅު ކުރަމުންނެވެ. ފަލަސްތީނުގެ އިސް އޮފިޝަލެއް ކަމަށް ވާ ހުސައިން އަލް-ޝައިހް ވިދާޅުވީ، އެމެރިކާއިން މަސައްކަތް ކޮށްފައި ވަނީ އިޒްރޭލު ޖަވާބުދާރީ ކުރުވުމުން ބަރީއަ ވުމަށް ކަމަށާ، ހަގީގަތް ފޮރުވުމަށް އެއްވެސް ހާލެއްގައި ފުރުސަތު ނުދެއްވާނެ ކަމަށެވެ.

އިޒްރޭލުގެ ދިފާއީ ވަޒީރު ބެނީ ގަންޓްޒް ވަނީ، ހަގީގަތް ހޯދުމަށް އިޒްރޭލުން އެއްބާރުލުން ދޭނެ ކަމަށާ، ނަމަވެސް، މިފަދަ ހާލަތެއްގައި، އެންމެ ފުރަތަމަ ޒިންމާ އުފުލަން ޖެހޭ ބަޔަކީ އާންމުންގެ ތެރޭގައި ހަރަކާތްތެރިވާ ޓެރަރިސްޓުން ކަމަށް ބުނެފައެވެ.

އިޒްރޭލުގެ ސަލާމަތީ ބާރުތަކާއި ފަލަސްތީނުގެ އާންމުންނާ ދެމެދު ބަދަލު ކުރަމުން ދިޔަ ހަމަލާތައް ކަވަރު ކުރުމުގައި ޝީރީން ހަރަކާތްތެރި ވެފައި ވަނީ އޭނާއަކީ ނޫސްވެރިއެއް ކަން އަންގައިދޭ ގޮތަށް "ޕްރެސް" ޖަހާފައި ވާ ރައްކާތެރިކަމުގެ އާލާތްތައް އަޅައިގެން ހުރެއެވެ.

ނޫސްވެރިޔާ ޝީރީން އަބޫ އަގްލީގެ ހަށިގަނޑު، ސްޓްރެޗާގައި / ފައިލް ފޮޓޯ: އަލްޖަޒީރާ

އަލްޖަޒީރާގެ އެންމެ ފުރަތަމަ ފީލްޑް ރިޕޯޓަރުން ނުވަތަ ސީދާ މައިދާނަށް ގޮސްގެން ހަބަރު ގެނެސްދޭ ރިޕޯޓަރުންގެ ތެރޭގައި ހިމެނުނު ޝީރީން، ގިނަ ބައެއްގެ ސަމާލުކަން އެންމެ ފުރަތަމަ ހުއްޓެން ފެށީ ފަލަސްތީން އިންތިފާޟާގެ ދުވަސްވަރުއެވެ.

ޓީވީ ޖާނަލިސްޓެއްގެ ގޮތުގައި ޝީރީން އަބޫ ޢަޤްލީ ކަވަރު ކޮށްފައި ވާ ބައެއް އިވެންޓްތަކަށް ބަލާއިރު 2008، 2009، 2012، 2014 އަދި 2021 ގައި ޣައްޒާގައި އިޒްރޭލުން ކުރި ހަނގުރާމައިގެ އިތުރުން، އިޒްރޭލުގެ ހައި-ސެކިއުރިޓީ ޖަލެއް ފަޅާލައިގެން ފަލަސްތީނުގެ 6 ގައިދީއަކު މިނިވަންވި ހަބަރު ފާހަގަ ކުރެވެއެވެ. ފަލަސްތީނު މަސްރަހުގެ ހަބަރުތަކުގެ އިތުރުން ޝީރީން ވަނީ ލުބްނާން ހަނގުރާމަ ފަދަ ހަބަރުތައްވެސް މީޑިއާއަށް ތިލަ ކޮށްދީފައެވެ.

މަސައްކަތުގެ މައިދާނުގައި ޝީރީންބޮޑު އިސްކަމެއް ދިނީ ފަލަސްތީނަށް ވެރިވެގެންފައިވާ އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ހިންގަމުން ދާ ޖަރީމާތައް ހާމަކޮށްދިނުމަށެވެ. އެގޮތުން ގަސްތުގައި މީހުން މެރުމާއި، ފޭރުމާއި، ޔަހޫދީއްޔާތު ފެތުރުމަށް ހިންގާ ޖަރީމާތަކާއި، ނަސްލީ ތަފާތު ކުރުންތައް ތިލަ ކޮށްދެމުން ދިޔައެވެ. އަދި ޒައޮނިސްޓުންގެ ދޮގުތައް ހާމަ ކުރިއެވެ.

އެތައް ގޮތަކުން ފަލަސްތީނުގެ ރައްޔިތުންނާއި އަރަބީންގެ ހިތްތައް ފަތަހަ ކުރީ ޝީރީން، މި ދުނިޔެއަށް ފަހު ނޭވާ ދޫކުރީވެސް އިޒްރޭލުގެ ބަޑީގެ ހަމަލާއެއް އޭނާގެ މޫނު މައްޗަށް އަމާޒުވެގެންނެވެ. އޭރު އޭނާ ދިޔައީ ޖެނީންގައި އިޒްރޭލުން ހިންގަމުން ދިޔަ ރެއިޑެއް ކަވަރު ކުރަމުންނެވެ. ހަބަރު ކަވަރު ކުރަން ދަމުން އޭނާ ވަނީ އަލްޖަޒީރާގެ ކަމާ ބެހޭ ފަރާތަށް ރެއިޑްގެ މައުލޫމާތު ދީފައިވެއެވެ. ސީންއަށް ގޮސް މަންޒަރު ސާފުވުމުން ހަބަރުގެ ތަފްސީލުތައް ދޭނެ ކަމަށް ބުނެ މެސެޖެއް ކުރިތާ މާ ގިނައިރުތަކެއް ނުވެ، ފަލަސްތީނުގެ މަސްރަހުން ދެން ތިލަވެގެން ދިޔައީ އިޒްރޭލު އަސްކަރީ ހަމަލާއެއްގައި ޝީރީން، މި ދުނިޔެއާ ވަކިވެފައިވާ މަންޒަރެވެ.