ބްލެކް މާކެޓުގައި ތެޔޮ ވިއްކާ މައްސަލަ ބޮޑުވަމުން އަންނާތީ އެކަމަށް ހައްލެއް ހޯދުމަށް ތެޔޮ ވިއްކުމުގައި ވަކި އުސޫލެއް ހިފަހައްޓަން އެސްޓީއޯއިން ނިންމައިފިއެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، ދުނިޔޭގެ ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ވާނެ ބޮޑު ގެއްލުން ކުޑަކުރުމުގެ ގޮތުން އެފްއެސްއެމް އިން ފިއުލް ޝެޑްތަކުންނާއި މަސްވެރިންނަށާއި ރަށްރަށުގެ ތެޔޮ ވިއްކާ ފަރާތްތަކަށް ތެޔޮ ވިއްކަމުން ދަނީ ސަބްސިޑައިޒްޑް އަގެެއްގައި ކަމަށެވެ.

ނަމަވެސް ރިސޯޓްތަކަށް ތެޔޮ ވިއްކަމުން ދަނީ ހަމަ އަގުގައި ކަން ފާހަގަކުރަމުން ދާއިރު ބައެއް ފަރާތްތަކުން އަގުހެޔޮކޮށް ރައްޔިތުންނަށް ވިއްކާ ތެޔޮ ގަނެގެން ރިސޯޓްތަކަށް ވިއްކަން މަސައްކަތްކުރާ ކަން ފާހަގަވެފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ. އެހެންކަމުން، މިކަން ހުއްޓުވާ އަދި ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގަ އަގުހެޔޮކޮށް ތެޔޮ ފޯރުކޮށް ދިނުމުގެ ގޮތުން ރަށްރަށުގައި ތެޔޮ ވިއްކާ ފަރާތްތަކުން އެވްރެޖްކޮށް ނަގަމުން އަންނަ އަދަދުގެ އިތުރުން ނަހަމަ ގޮތުގަ އަގު ބޮޑުކޮށް ތެލުގެ ވިޔަފާރިކުރުން ހުއްޓުވުމަށް، ބޭނުންވާ ވަރަށް ވުރެ އިތުރަށް އެ ފަރާތްތަކަށް ތެޔޮ ދޫނުކުރާނެ ކަމަށް އަމްރު ވިދާޅުވިއެވެ.

ތެލުގެ އަގު އުފުލެމުން އަންނަ އިރު މި ދަނޑިވަޅުގައި ތެޔޮ ވިއްކާ ސަރަހއްދުން ދޯނިނފަހަރުގައި އައިސް އަގު ހެޔޮކޮށް ތެޔޮ ގަންނަ އެތައް ބަޔަކު ތެޔޮ ގަންނަ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އެ ފަރާތްތަކުން އެ ތެޔޮ އަގު ބޮޑުކޮް އެހެން ފަރާތްތަކަށް ވިއްކަމުންދާ މައްސަލަ ވެސް އަންނަނީ ފެންމަތިވަމުންނެވެ.

ތެލުގެ އަގަށް ބަދަލު އަންނަނ ފަށާފައިވަނީ ޔޫކްރެއިން އާއި ރަޝިއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުމާ އެކުގައެވެ. މިއާ އެކު މުޅި ދުހނިޔޭގެ ތެލުގެ ބާޒާރަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ތެޔޮ އަގު ބޮޑުވަމުން އަންނަ އިރު ދުނިޔޭގެ އިގްތިސޯދަށް ވެސް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާއިރު މި ވަގުތު ރާއްޖޭގެ ތެލުގެ އަގުގެ އިތުރުން ތަކެތީގެ އަގު ވެސް އަންނަނި އުފުލެމުންނެވެ.

އިންފްލޭޝަން ރޭޓް މައްޗަށް ދާ ކަމުގެ އިޝާރާތެއް ކޮށްފައި އޮތް ނަމަވެސް ސަރުކާރުން ބުނެފައި ވަނީ ކާޑުގެ ބާވަތްތައް ލިބުމުގައި އެއްވެސް ދަތި ކަމެއް ނެތް ކަމަށާއި އެ ތަކެތީގެ އަގު ނޫފުލޭނެ ގޮތަކަށް ސަރުކާރުގެ ސަބްސިޑީ ދަމަހައްޓާނެ ކަމަށެވެ. ހަމައެއާއެކު ތެލުގެ އަގުން ވެސް ރައްޔިތުންނަށް މާ ބޑު ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށާއި ތެލުން ވެސް ސަބްސިޑީ ދަމަހައްޓާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.