އެއީ މިދިޔަ ހުކުރު ދުވަހެވެ. ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގެ ރަށްވެއްސެއް ކަމަށް ވާ ޢަބްދުލްކަރީމް އަލް-މަޖީދަށް ވިލާތުގެ ތެރެއިން އާދަޔާ ހިލާފު މަންޒަރެއް ސިފަވިއިރު، ކާރުގައި އޭނާ ދަތުރު ކުރަމުން ދިޔައީ ޗުއްޓީ ހޭދަ ކުރަން ކަނޑައަޅާފައިވާ މަންޒިލަށެވެ.

އަލް-މާޖިދަށް ވިލާގަނޑުގެ ފުރިހަމަ އެތުރުން ސިފަވީ މާސިންގާ ދޫންޏެއްގެ މަތީގައި އިނދެ، އުދުހެމުންދާ ކުޑަކުއްޖެއްގެ ގޮތުގައެވެ. ވަގުތުން ފޯނު ނަގާ، އެ މަންޒަރު ފޮޓޯ ނަގާ، ވީޑީއޯވެސް ކުރިއެވެ. ސޯޝަލް މީޑިއާގައި މިހާރު ވައިރަލް ވަމުން ދަނީ އެ މަންޒަރުތަކެވެ. ބައެއް މީހުން ބުނާ ގޮތުގައި އެއީ ނަފްސާނީ ގޮތުން މެދުވެރިވާ "ޕެރެއިޑޯލިއާ" އޭ ކިއާ ހަލަތުގެ ސަބަބުން މަންޒަރު ސިފަވާ ގޮތެވެ. "ޕެރެއިޑޯލިއާ" އަކީ ހަގީގަތުގައި އެހެން އެއްޗަކުން، މާނަ ހުރި، ތަފާތު އެއްޗެއް ސިފަ ކުރެވުމެވެ.

އުދުހެމުންދިޔަ ބޮޑު ދޫންޏެއްގެ މަތީގައި ކުޑަ ކުއްޖަކު އިން މަންޒަރު ސިފަ ވެގެން، އަލް-މާޖިދު އެ މަންޒަރުތައް ވީޑީއޯކޮށް، ފޮޓޯ ނަގާ ހެދީ، ޗުއްޓީގެ މަންޒިލަށް ދަތުރު ކުރަމުން ދިޔަ އަލް-ގާސިމްއޭ ކިއުނު މަގުންނެވެ. އޭރު ހުކުރު ދުވަހުގެ އިރު ދިޔައީ އޮއްސެމުންނެވެ.

އުދުހެމުންދާ ބޮޑު ދޫންޏެއްގެ މަތީގައި ކުޑަކުއްޖަކު އިންދާ ސިފަވާ ވިލާގަނޑު / ފޮޓޯ: އަލް-މާޖިދު | ގަލްފް ޓުޑޭ

އެ މަންޒަރުތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރުމަށް އެންމެ ފުރަތަމަ އަލް-މާޖިދު ފަސްޖެހުނެވެ. އޭނާއަކީ އެއްވެސް އިރެއްގައި އެގޮތަށް ފޮޓޯ ހިއްސާ ކުރާ މީހަކަށް ނުވާތީއެވެ. ނަމަވެސް ރަހުމަތްތެރިއެއްގެ ބަހަށް، އޭނާ އެ މަންޒަރުތައް، ސޯޝަލް މީޑިއާގެ ބިޔަ ކަނޑަށް ދޫކޮށްލިއެވެ. އެއާ އެކު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓް، ހީވެސް ނުކުރާ މިންވަރަށް މަޝްހޫރު ވެގެން ދިޔައެވެ.

އަލް-މާޖިދުގެ ފޮޓޯ މަޝްހޫރުވެގެން ދިއުމާއެކުހެން ބައެއް ފަރާތްތަކުގެ ފާޑުކިއުންތައްވެސް އަމާޒުވިއެވެ. އެގޮތުން އެއި އެޑިޓް ކޮށްފައި ވާ ފޮޓޯއެއް ކަމަށް ބައެއް ފަރާތްތަކުން ބުނި އިރު، ވިލާގެ އެތުރުންތަކުން އެކި ކަހަލަ ޖަނަވާރުތައް ސިފަވި މީހުން ވަނީ އެ މަންޒަރުތައް ހިއްސާކޮށްފައެވެ.