1443ވަނަ އަހަރު އަމީރުލް ހައްޖު މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު އަލީ ހައްޖަށް ފުރާ ވަޑައިގެންފިއެވެ.

މި ދަތުރުގައި މިނިސްޓަރު ޑރ. ޒާހިރުގެ އަނބިކަނބަލުން ވެސް ބައިވެރިވަޑައިގެންނެވި ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ، 1443 ވަނަ އަހަރު ރާއްޖެއިން ހައްޖަށް ދާ ފަރާތްތަކުގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާ ފަރާތަކީ، ޑރ. ޒާހިރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހަމަޖައްސަވާފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓަރު ހައްޖަށް ދާން ފުރާ ވަޑައިގެންނެވިއިރު މާދަމާގެ ވަގުތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރެއްވުމަށް ފުރާވަޑައިގަންނަވާނެއެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ 453 މީހަކު ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރާފައިވާއިރު ރާއްޖެއިން ހައްޖަށްދާ ހައްޖާޖީންގެ އެންމެ ފަހު ގްރޫޕް ފުރީ ރޭގައެވެ.

ރާއްޖެއިން ހައްޖަށް ފުރި ހުރިހާ ހައްޖާޖީންގެ ހާލުވެސް ރަނގަޅު ކަމަށް ރާއްޖޭގެ ހައްޖު މިޝަންއިން މައުލޫމާތު ދީފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިއީ 2020 ގެ ކޮވިޑަށް ފަހު، ރާއްޖޭން ހައްޖަށް ދާ ފުރަތަމަ ފަހަރެވެ.