ޔޫކްރައިންއާއެކު ހިއްސާ ކުރާ ބޯޑަރު ކައިރީގައި އޮންނަ ރަޝިއާގެ ސިޓީއެއް ކަމަށް ބެލްގޮރޯޑްގައި ބާރުގަދަ ގޮވުންތަކެއް ގޮވާ، 3 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް ސަރަހައްދީ ގަވަރުނަރު ވިޔަޗެސްލޭވް ގްލެޑްކޯވް ވިދާޅުވެއްޖެއެވެ.

ގްލެޑްކޯވް ވިދާޅުވީ، ގޮވުންތަކުގައި، އެޕާޓްމަންޓް ހުންނަ އިމާރާތުގެ 11 އިމާރާތަކާ، 39 ޕްރައިވެޓް ރެސިޑެންޝަލް އިމާރާތަކަށް ގެއްލުން ވެފައި ވާ ކަމަށެވެ.

ގޮވުންތަކާއެކު، ވައިގެ ދިފާއީ ނިޒާމް އެކްޓިވޭޓް ވެފައި ވާ ކަމަށްވެސް ގަވަނަރު ވަނީ ހާމަ ކުރައްވާފައެވެ.

ގަވަރުނަރުގެ ވާހަކަތަކުގެ ފުރިހަމަ ސައްހަކަން ކަށަވަރު ނުވާ ކަމަށާ، އެ ހާދިސާއާ ބެހޭ ގޮތުން ޔޫކްރައިނުން ވަކި އެއްޗެއް އަދި ބުނެފައި ނުވާ ކަމަށް، ބީބީސީގައި ވަނީ ރިޕޯޓް ކޮށްފައެވެ.

ޔޫކްރައިނުން ނޭޓޯއާއި ގާތް ވާން ފެށުމާއެކު، ފެބުރުއަރީ 24 ވަނަ ދުވަހުން ފަށައިގެން ރަޝިއާއިން ދަނީ ތަފާތު ހުއްޖަތްތައް ދައްކައިގެން، އަސްކަރީ ހާއްސަ އޮޕަރޭޝަނެއްގެ ނަމުގައި، ޔޫކްރައިންގައި ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. ހަނގުރާމާގައި އެތައް ހާސް އާންމުންނަކާ ސިފައިންނެއްގެ ފުރާނަ ގެއްލިފައި ވާ އިރު، އަމިއްލަ ގެދޮރު ދޫކޮށްލި މީހުންގެ އަދަދު 12 މިލިއަނަށް އަރައެވެ.

ޔޫކްރައިންގެ ދިފާއުގައި ހުޅަނގުގެ ބާރުތަކުން ތެދުވެވެފައި ވާ އިރު، އެ ގައުމުތަކުން ދަނީ އަސްކަރީ ހަތިޔާރުގެ އެހީތެރިކަން، ޔޫކްރައިންއަށް ފޯރުކޮށްދެމުންނެވެ. އަދި ނިއުކްލިއާ ހަތިޔާރު ބާރުވެރިކަން ލިބިފައިވާ ރަޝިއާ ފިއްތާލުމަށް، އެ ގައުމާ ދެކޮޅަށް، ދަތިކުރުމުގެ ހަރުކަށި ފިޔަވަޅިތަކެއްވެސް ތަންފީޒުކޮށް، ބައިނަލްއަގުވާމީ މައިދާނުގައި ރަޝިއާ އެކަހެރި ކުރަމުންނެވެ.

ރަޝިއާއަކީ އެންމެ ފުޅާ ދާއިރާއެއްގައި ހަކަތަ ސަޕްލައި ކުރަމުން ދާ އެއް ގައުމަށް ވާ އިރު، މި ފިޔަވަޅުތަކުގެ އަސަރު، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދުނިޔޭގެ ހުރިހާ ހިސާބަކަށް ދަނީ ފޯރަމުންނެވެ.