ރައީސުލްޖުމްހޫރިއްޔާގެ ސިޔާސީ ހަޔާތްޕުޅުން ވަކި ނުކުރެއްވޭނެ މީހުންގެ ތެރޭގައި އޭނާ ހިމެނުނަސް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާ އެކު މަސައްކަތް ކުރައްވަން ދަތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވެފައި ވަނީ، އަންނަ ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ ދެ ކެންޑިޑޭޓުންނާ ގުޅިގެން އެމްޑީޕީ އެތެރޭގައި ވާދވެރި ޝުއޫރުތަކެއް ފާލު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި އެންމެ ފަހުން ހުންނެވި ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި، ރައީސް މީގެ ކުރިން ދެއްކެވި ވާހަކަފުޅުތަކެއްގެ ވީޑިއޯ ހިއްސާކުރައްވަމުން ވިދާޅުވީ ރައީސްގެ ސިޔާސީ ހަޔާތްޕުޅުން އޭނާ (ހަސަން) ދޫކޮށްނުލެއްވުނަސް، އޭނާއަށް ރައީސާ އެކު އަންނަ އަހަރުގެ ރިޔާސީ އިންތިހަބުގައި މަސައްކަތް ކުރައްވަން ދަތި ކަމަށެވެ. އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބަށް ރައީސް ނަޝީދު ވާދަކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ އިރު ރައީސް ސޯލިހްވެސް ވަނީ ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.

ހަސަންގެ ޓްވީޓްގައި ހިމަނާފައިވާ ވީޑިއޯގައި ރައީސް ވިދާޅުވަނީ އެ މަނިކުފާނުގެ ސިޔާސީ ހަޔާތްޕުޅުން ދޫކޮށްނުލެއްވޭނެ ބޭފުޅުންތަކެއް އެބަ ތިއްބެވި ކަމަށެވެ. އޭގެތެރޭގައި އެމްޑީޕީގެ އިސް ބައެއް ބޭފުޅުންގެ ނަންތައް ވިދާޅުވި އިރު، ހަސަން ލަތީފްގެ ނަން ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީ ރައީސް މުހައްމަދު ނަޝީދާ އެކު މެދުގައި ރައީސް އިބްރާހިމް މުހައްމަދުސޯލިހް އަދި ހަސަން ލަތީފް

ހަސަންގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ، އަންނަ އަހަރުގެ އިންތިހާބު ރައީސް ސޯލިހަށް، އެމްޑީޕީއަށް ކާމިޔާބުކޮށްދެވޭނެ ކަމަށް ލަފާނުކުރެއްވޭ ކަމަށެވެ. ހަސަން ލަތީފް އެގޮތަށް ވިދާޅުވި އިރު މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރައީސް ދެވަނަ ދައުރަކަށް ވާދަ ކުރެއްވުމަކީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވެފައެވެ. ނަޝީދު މިހެން ވިދާޅުވެފައި ވަނީ ދެ ވަނަ ދައުރަކަށް ތައްޔާރަށް ހުންނެވި ކަން އިއުލާން ކުރައްވާ އެމްޑީޕީގެ ވެރިކަމެއް ބޭނުން ނަމަ ޗޮއިސް އަކީ އެމަނިކުފާނު ކަމަށް ރައީސް ސޯލިހް ވިދާޅުވެފައި ވަނިކޮށެވެ.

ހަސަން ލަތީފްގެ ތާއީދު ރައީސް ސޯލިހަށް ނެތް ކަން ހާމަ ކުރެއްވި އިރު ރައީސް ސޯލިހަށް ތާއިދު ކުރައްވާ ކަން ހާމަ ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހެލްތް މިނިސްޓަރު އަހުމަދު ނަސީމުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރެވެ.