ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ގެ އެހީގައި ހުޅުމާލޭގައި އިމާރާތް ކުރި މިސްކިތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހުޅުވައިދެއްވައިފިއެވެ.

"މަސްޖިދު ރަޝީދު" އަކީ އަލް މަރްހޫމް އަބްދުއްރަޝީދުގެ ހަނދާނުގައި ބިނާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތަކީ 1200 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތަކީ އަންހެނުންނަށް ވަކިން ނަމާދު ކުރޭގޮތަށް އިންތިޒާމު ހަމަޖައްސާފައިވާ މިސްކިތެކެވެ.

މި މިސްކިތް ހުޅުވައިދެއްވުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ މިސްކިތް ބައްލަވާލައްވާފައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ މި މިސްކިތުގައި ކުރެވުނު މިރޭގެ އިޝާ ނަމާދުގެ ޖަމާއަތުގައި ބައިވެރިވެ ވަޑައިގެންފައެވެ.

ތިން ބުރީގެ މި މިސްކިތަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް އިރުގެ ހަކަތަ ބޭނުން ކުރެވޭ ގޮތަށް ވަނީ ފަރުމާ ކޮށްފައެވެ. އާރްސީސީން އެޅި މި މިސްކިތުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ އެ ކުންފުނިންނެވެ. ހުޅުމާލޭގައި ހުންނަ އަމީން އެވެނިއުގެ ފަހަތުގައި އޮންނަ މަގަށްވާ ގޮތަށް އަޅާފައިވާ މި މިސްކިތަކީ ހުޅުމާލޭގައި މިވަގުތު ހުރި އެންމެ ބޮޑު އެއް މިސްކިތެވެ.

އާރްސީސީއަކީ 1950 ގައި "ރަޝީދު ކާޕެންޓަރީ" ގެ ނަމުގައި ވަޑާން ގެއަކުން އުފެދުނު ވިޔަފާރިއެއްގެ ތެރެއިން އައި ކުންފުންޏެކެވެ.