އިގުތިސޯދީ އަދި މާލީ ގޮތުން އިންދަޖެހި، އާންމު ރައްޔިތުންގެ ޒަރޫރީ ބޭނުންތައްވެސް ނުފެއްދޭ ވަރުގެ ހީނަރުކަމުގެ އަނދަވަޅަކަށް ވެއްޓިފައި ވާ އަވަށްޓެރި ސްރީލަންކާ، އެ ފުން ވަޅުގަނޑުން ސަލާމަތް ކުރުމަށް އެ ގައުމަށް އެހީ ފޯރުކޮށްދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ސްރީލަންކާއަށް ދަތުރު ކުރި ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް)ގެ ވަފުދުން ކުރިއަށް ގެންދިޔަ ބައްދަލުވުންތައް ކޮޅެއްގައި ނުޖެހި ނިންމާލައިފިއެވެ.
މަސަހީރޯ ނޮޒާކީއާއި ޕީޓާ ބްރޫއާ އިސްކޮށް ހުންވައިގެން ޖޫން 20 އިން 30 އަށް، ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކާއެކު ސްރީލަންކާގައި ހަރަކާތްތެރިވި އައިއެމްއެފްގެ ޓީމުން މަސައްކަތް ކޮށްފައި ވަނީ ހުރިހާ ގޮތަކުން ވަށާ ޖެހޭ އިގުތިސޯދީ އިސްލާހީ މަޝްރޫއެއް އެކުލަވާލުމަށެވެ.
ކަނޑައެޅިގެން ވަކި އެއްބަސްވުމަކަށް އާދެވިފައި އަދި ނުވި ކަމުގައި ވީ ނަމަވެސް، އައިއެމްއެފްގެ މާލީ ފަންޑު (އީއެފްއެފް)ގެ އެހީގެ ދަށުން ސްރީލަންކާއަށް އިގުތިސޯދީ އިސްލާހުތައް ގެނައުމާ ބެހޭ ގޮތުން ބިނާ ކުރަނިވި މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު ކަން، ދަތުރާ ބެހޭ ގޮތުން ނޮޒާކީއާއި ބްރޫއާ އާންމު ކުރެއްވި ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
މި އެއްބަސްވުމާ ބެހޭ މަޝްވަރާތައް ވާޗުއަލް ޕްލެޓްފޯމްގައި ކުރިއަށް ގެންދާނެ ކަމަށާ، ސްރީލަންކާގެ އާންމު ދަރަނި އަދި އޮތީ ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓިފައި ނޫންކަމަށާ، އެހީގެ ކަންކަން ކަށަވަރު ކުރުމަށް އެކަން ހެޔޮ ފާލަކަށް އަޅުވަން ޖެހޭ ކަމަށްވެސް ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
ސްރީލަންކާއަށް ލިބޭ އާމްދަނީ އިންތިހާއަށް ހީނަރުވަމުން ދާ އިރު، ޓެކްސްގެ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެނައުމަކީ، މިހާރުން މިހާރަށް ކޮންމެހެންވެސް ގެންނަން ޖެހޭ ބަދަލެއް ކަމަށް އައިއެމްއެފްއިން ވަނީ ފާހަގަ ކޮށްފައެވެ. އިތުރު ގޮންޖެހުންތަކުގެ ތެރޭގައި ބާޒާރުގައި ތަކެތީގެ އަގު އުފުލޭ ނިސްބަތް ނުވަތަ އިންފްލޭޝަން ރޭޓް ކޮންޓްރޯލް ކުރުމާއި، ގަނެވިއްކުމުގެ ބާޒާރު ހަމައަކަށް އެޅުވުމުގެ އިތުރުން، ކޮރަޕްޝަންއަށް އޮތް ހައްސާސީ ފުރުސަތުތަކާ ކުރިމަތިލުން ފަދަ ކަންކަން އައިއެމްއެފްއިން ވަނީ ފާހަގަ ކޮށްފައެވެ.
ކަން މިހެން އޮތް އިރު، އިގުތިސޯދީ އިސްލާހީ ބަދަލު ގެނައުމުގައި ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން މިހާރުވެސް ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކޮށްފައި ވާ ކަމަށްވެސް އައިއެމްއެފްއިން ވަނީ ފާހަގަ ކޮށްފައެވެ.
އައިއެމްއެފްގެ ޓީމުން ސްރީލަންކާއަށް ކުރި ދަތުރުގައި އެ ގައުމުގެ ސަރުކާރުގެ އެންމެ މަތީ ފަންތީގެ އޮފިޝަލުންނާއި، މަޖިލިސް މެންބަރުންގެ އިތުރުން މަދަނީ ޖަމިއްޔާތަކާއި، ތަރައްގީގެ ބައިވެރިންނާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމަށް ހަބަރު ލިބެއެވެ.