ހެއްކާ ބެހޭ ބިލުގެ ސަބަބުން މިނިވަން ނޫސްވެރިކަމާއި ތަހުގީގީ ނޫސްވެރިކަން އެއްކޮށް ނެތިދާނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފިއެވެ.

އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނީ، ހެއްކާބެހޭ ބިލުގެ 136 ވަނަ މާއްދާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަށް އުނިކަން ލިބޭނެހެން، ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް މަޖުބޫރުކުރުވާ މާއްދާއެއް ކަމުގައިވާތީ، އެ ކައުންސިލާއި، ރާއްޖޭގެ ހުރިހާ ނޫސްވެރިންނާއި މީޑިއާގެ ކަންބޮޑުވުން އޮތް މާއްދާއެއް ކަމަށެވެ.

އެހެންކަމުން މި މާއްދާ އެއްކޮށް ބިލުން އުނި ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އެދިފައިވާ ކަމަށާއި އަދި ނޫސްވެރިންގެ މަސްދަރު ހާމަކުރުމާ ގުޅޭގޮތުން އެ ކައުންސިލުން ހޯދާފައިވާ ހޯދުންތަކުގެ އަލީގައި އެކުލަވާލެވުނު ދިރާސާ ކަރުދާސް ވެސް އެ ކޮމިޓީއާ ހިއްސާކޮށްފައިވާ ކަމަށް އެމްއެމްސީން ބުނެއެވެ. ނަމަވެސް އެ މާއްދާ އެއްކޮށް ބިލުން އުނިކުރުމަށް އެދި ހުށަހެޅި ހުށަހެޅުން ބަލައިނުގަނެ، ކޮމިޓީގެ ބައްދަލުވުމުގައި ކުރި މަޝްވަރާތަކުގެ އަލީގައި އަލުން އެ މާއްދާއަށް ކޮމިޓީން ގެނައި ބަދަލުތަކާއެކު، އެ ކައުންސިލުގެ ކޮމެންޓް ހޯދުމަށް އެދުނު ނަމަވެސް އެކަށީގެންވާ ވަގުތު ދިނުމެއްނެތި ކޮމިޓީން އެދުވަހުން އެދުވަހަށް ބިލު ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ކަމަށް އެމްއެމްސީން ވަނީ ބުނެފައެވެ.

ކަމާބެހޭ ޖަމްއިއްޔާ ޖަމާއަތްތަކާއި ނޫސްވެރިންނާއެކު ކުރެވުނު މަޝްވަރާގެ އަލީގައި މި ކައުންސިލުން ކޮމެންޓް ފޮނުވާފައިވާނީ 29 ޖޫން 2022 ގައެވެ. ނަމަވެސް އެކަންކަމަށް ރިޢާޔަތްނުކޮށް، ކޮމިޓީން ބިލުގައި އެ މާއްދާ ހިމަނާފައިވާގޮތަށް ފާސްކުރުމަށް އެޖެންޑާކޮށްފައިވާތީ، އެކަންވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެންނަވާފައެވެ. އެގޮތުން މިއީ، ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބި، މިނިވަން ނޫސްވެރިކަމާއި ތަހުގީގީ ނޫސްވެރިކަން އެއްކޮށް ނެތިގެން ގޮސްދާނެކަމެއް ކަމުގައި ފާހަގަކޮށްފައިވާނެއެވެ.
އެމްއެމްސީ

އެމްއެމްސީން ބުނީ އެ މާއްދާގައި މިހާރު ހިމަނާފައިވާގޮތުން ނަމަ، ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކުގެ މައްސަލަތަކުގައި ތަހްގިގުކުރާ ފަރާތުން ނުވަތަ ޕްރޮސކިޔުޓާ ޖެނެރަލް ނުވަތަ ދައުވާލިބޭ ފަރާތުން ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އެދި ހުށަހެޅުމުން ވަކި ހާލަތްތަކެއްގައި އެ މަސްދަރު ހާމަކުރުމަށް ޝަރީއަތުން މަޖުބޫރުކުރެވިދާނެ ކަމަށެވެ. ނަމަވެސް ގައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކަކީ، އެއްވެސް ގާނޫނެއްގައި ތަފްސީލުކޮށް ކަނޑައަޅާފައި ބަޔާންކޮށްދީފައިވާ ކުށްތަކަށް ނުވާއިރު، ވަރަށް ފުޅާކޮށް މާނަކުރެވިދާނެ ކަމަކަށްވާތީ އޭގެ ނާޖާއިޒު ފައިދާނެގޭ ގޮތަށް ހުޅުވިގެންދާނެތީ ކަމަށް އެމްއެމްސީން ވަނީ ބުނެފައެވެ.

އެމްއެމްސީން އިތުރަށް ބުނީ، ޓެރަރިޒަމްގެ ކުށްތަކުގެ ގޮތުގައި ގާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ ކުށްތަކަކީ، ތަނަކަށް ނުވަތަ މީހެއްގެ ފުރާނައަށް ނުވަތަ ޖިސްމަށް ނުވަތަ މުދަލަށް ކުއްލި ނުރައްކަލެއް އަންނާނެ ކަމަކަށް ނުވާއިރު، އެކަންކަމަށްވެސް ކޮމިޓީން ރިއާޔަތްކޮށްފައެއް ނެތް ކަމަށެވެ. އެހެންކަމުން، ޓެރަރިޒަމްގެ ކުށްތައް އެކަނި ހިމަނަށް ނިންމާ ހާލަތުގައިވެސް، ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 7 ވަނަ މާއްދާއާއި 12 މާއްދާގައި ބަޔާންކޮށްފައިވާ ކުށްތަކަށް އެކަނި ހަނިކުރުން މުހިންމުކަމަށް ފާހަގަކޮށްފައިވާ ކަމަށް އެމްއެމްސީން ބުނެއެވެ.

މީގެ އިތުރުން، ޕްރޮސެކިއުޓާ ޖެނެރަލް ނުވަތަ ދަޢުވާލިބޭ ފަރާތުން މަސްދަރު ހޯދަން އެދުމުގެ ބަދަލުގައި، އާންމު އުސޫލެއްގެ ގޮތުން އެކަންކަމަކީ ތަހުގީގު މަރުހަލާގައި ހޯދަންޖެހޭ މައުލޫމާތަށްވާތީ، ހަމަ އެކަނި ތަހުގީގީ އިދާރާއިން އެދުމުން، އެ ނޫން އެއްވެސް ގޮތެއް ނެތިގެން މެނުވީ މަސްދަރު ނުހޯދޭނެގޮތަށް ހިމެނުމަށްވެސް ފާހަގަކޮށްފައިވާނެ ކަމަށް ވެސް އެމްއެމްސީން ވަނީ ފާހަގަކޮށްފައެވެ.

ހަމަ އެހެންމެ، އެ މާއްދާގައި ބަޔާންކުރާ އެންމެ ހާލަތެއް ސާބިތު ކުރުމުގެ ބަދަލުގައި 136 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް ވެސް މަދަނީ މިންގަނޑުން ސާބިތުރުކުރެވިގެން މެނުވީ މަސްދަރު ހާމަކުރުމަށް ނޭންގޭނެ ގޮތަށް ހިމެނުމަށް ވެސް އެ ކައުންސިލުގެ ކޮމެންޓްތަކުގެ ތެރޭގައި ހިމަނާފައިވާނެ ކަމަށް އެމްއެމްސީން ބުނެއެވެ.

އެހެންކަމުން، ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާއަށް ފުރަތަމަ ހުށަހެޅުމަކީ އެ މާއްދާ މި ބިލުން އެއްކޮށް އުނި ކުރުންކަމާއި، ނަމަވެސް އެ މާއްދާ އެއްކޮށް އުނި ނުކުރުމަށް ނިންމަވާ ހާލަތުގައި ވެސް، އެކައުންސިލުން ފާހަގަކޮށްފައިވާ އެންމެހާ ކަންކަމަށް ރިއާޔަތްކުރުމަށް އެދިފައިވާކަމަށް އެމްއެމްސީން ބުނެއެވެ.