ނޫސްވެރިންނާއި ޖަމިއްޔާ ޖަމާއަތްތަކުން ހެއްކާ ބެހޭ ގާނޫނަށް ހުށަހެޅި މަސްދަރު ހާމަ ކުރެވޭ ގޮތަށް އޮތް އިސްލާހު މިހާރު އޮތް ގޮތަށް ފާސްނުކުރުމަށް އެދިފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ބިލް ފާސްކުރީ މަޖިލިހަށް ހާޒިރުވެ ވަޑައިގަތް 58 މެންބަރުންގެ ތެރެއިން 50 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ފަސް މެންބަރުން ވޯޓު ދެއްވިއިރު، ތިން މެންބަރުން ވަކި ގޮތަކަށް ވޯޓެއް ނުދެއްވައެވެ.
އެ ބިލު މަޖިލިހުން ފާސްކޮށްފައިވާއިރު، އެ ބިލު މިހާރު އޮތް ގޮތަށް ފާސްކުރުމަށް ދެކޮޅު ހަދައި، އަލުން ކޮމިޓީ މަރުހަލާގައި އިސްލާހު ކުރުމަށް ގޮވާލައި، ހަތް އިސްލާހަކާ އެކު ނޫސްވެރިންގެ ޖަމިއްޔާއިން ސިޓީ އެއް ފޮނުވާފައިވެއެވެ. އަދި އެ ބިލް ފާސްކުރުމާ ދެކޮޅަށް، މަޖިލީހުގެ އިދާރާ ކުރިމަތީގައި ނޫސްވެރިން ހިމޭން އިހްތިޖާޖެއް ވެސް މިއަދު ކޮށްފައިވެއެވެ.
އިހްތިޖާޖު ހިނގަމުން ދިޔަ ވަގުތު ނޫސްވެރިންނާ ބައްދަލު ކުރައްވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި، އެ ބިލުގެ މަސައްކަތަކީ ހަތް މަހުން ނިންމުނު ބޮޑު މަސައްކަތެކެވެ. އެހެންކަމުން، އެންމެ ރަނގަޅު ގޮތަކީ އެ ބިލް އޮތް ގޮތަށް ފާސްކޮށް، ކުރިއަށް އޮތް ދައުރުގައި އެ ބިލަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ދިނުން ކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަ އެއާއެކު، އެ ބިލާ ދެކޮޅަށް ނޫސްވެރިން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފައި ނުވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
މިދިޔަ އޮގަސްޓް މަހުގެ 30 ގައި ހެއްކާ ބެހޭ ބިލަށް، މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ހާމަކުރުމަށް ކޯޓުތަކުން މަޖުބޫރު ކުރެވޭނެއެވެ. އެގޮތުން މަސްދަރު ހާމަކުރުމުގެ ސަބަބުން މަސްދަރަށް ނުވަތަ އެހެން ފަރާތަކަށް ލިބޭނެ ގެއްލުން ކުޑަކަމަށް ކޯޓުތަކަށް ފެންނަ ހާލަތުގައި، އަދި މަސްދަރު ހާމަކުރުމުގެ ސަބަބުން އިތުރު މަސްދަރު ހޯދައި، އެ މަސްދަރުތަކުގެ ސަބަބުން އިތުބާރު ހުރި މައުލޫމާތު ހޯދަން ނޫސްވެރިންނަށް ހުރަސް އެޅޭނެ މިންވަރު ކުޑަކަމަށް ކޯޓުތަކަށް ފެންނަ ހާލަތުގައި މަސްދަރު ހާމަކުރުމަށް ކޯޓުތަކުން މަޖުބޫރު ކުރެވޭނެ ކަމަށް، އެ އިސްލާހުގައިވެއެވެ.
އެ އިސްލާހުތަކާއެކު ބިލު ފާސްކޮށްފައި ވުމުން، ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ލިބިދޭ ހައްގުތައް ހަނިވެ، މަސްދަރުތައް ހާމަ ކުރުމަށް ނޫސްވެރިންނަށް މަޖުބޫރު ވާނެއެވެ. އެކަމުގެ ސަބަބުން، އާންމުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފަސްޖެހި، ނޫސްވެރިންނަށް ބޮޑެތި އަދަބުތައް ލިބުމުގެ ފުރުސަތު ވެސް އެބައޮތެވެ.