ހެއްކާ ބެހޭ ބިލް މިހާރު އޮތް ގޮތަށް ފާސްކުރުމާ ދެކޮޅަށް، މަޖިލީހުގެ އިދާރާގެ ކުރިމަތީގައި ނޫސްވެރިން ހިމޭން އިހްތިޖާޖެއް ފަށައިފިއެވެ.

މިދިޔަ އޮގަސްޓް މަހުގެ 30 ގައި ހެއްކާ ބެހޭ ބިލަށް، މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ހާމަކުރުމަށް ކޯޓުތަކުން މަޖުބޫރު ކުރެވޭނެއެވެ. އަދި އެފަދަ ހާލަތްތައް ވެސް ހިމަނާފައިވެއެވެ. އެގޮތުން

  • މަސްދަރު ހާމަކުރުމުގެ ސަބަބުން މަސްދަރަށް ނުވަތަ އެހެން ފަރާތަކަށް ލިބޭނެ ގެއްލުން ކުޑަކަމަށް ކޯތުތަކަށް ފެނުން
  • މަސްދަރު ހާމަކުރުމުގެ ސަބަބުން އިތުރު މަސްދަރު ހޯދާ، އެ މަސްދަރުތަކުގެ ސަބަބުން އިތުބާރު ހުރި މައުލޫމާތު ހޯދަން ނޫސްވެރިންނަށް ހުރަސް އެޅޭނެ މިންވަރު ކުޑަކަމަށް ކޯޓުތަކަށް ފެނުން

އެ އިސްލާހުތަކާއެކު އެ ބިލު ފާސްވެ، ގާނޫނަކަށް ވެއްޖެ ނަމަ، ގާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ލިބިދޭ ހައްގުތައް ހަނިވެ، މަސްދަރުތައް ހާމަ ކުރުމަށް ނޫސްވެރިންނަށް މަޖުބޫރު ވާނެއެވެ. އެކަމުގެ ސަބަބުން، އާންމުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފަސްޖެހި، ނޫސްވެރިންނަށް ބޮޑެތި އަދަބުތައް ލިބުމުގެ ފުރުސަތު އެބައޮތެވެ.

އެހެންކަމުން، އެ މާއްދާ އުނިކުރުމަށް ޖަމިއްޔާ ޖަމާއަތްތަކުން ގޮވާލާފައިވާއިރު، އެ މާއްދާ އުނިކުރުމަށް ނޫސްވެރިންގެ ޖަމިއްޔާ އާއި މީޑިއާ ކައުންސިލުން ވެސް ވަނީ އެދިފައެވެ.

މިހާރު ކުރިއަށްދާ މަޖިލިހުގެ ޖަލްސާގައި އެ ބިލް ފާސްކުރުމަށް އެޖެންޑާކޮށްފައި ވަނީ، މަސްދަރު ހާމަކުރެވޭ ހާލަތްތައް ހަނިކުރުމަށް އެމްޖޭއޭއިން ކަރުދާހެއް ހުށަހަޅާފައި ވަނިކޮށް، އެ ކަރުދާހަށް ބެލުމެއް ނެތިއެވެ. އެ ކަރުދާހުގައި އެމްޖޭއޭއިން ޖުމްލަ ހަތް އިސްލާހެއް ހުށަހަޅާފައިވެއެވެ.

އެ ކަންކަމަށް ނުބަލައި މިއަދު ބިލް ފާސްކުރަން އެޖެންޑާކޮށްފައި އޮތުމުން، ނޫސްވެރިން ދަނީ މަޖިލީހުގެ އިދާރާގެ ކުރިމަތީގައި އިހްތިޖާޖު ކުރަމުންނެވެ. އެ އިހްތިޖާޖުގައި ބައިވެރިވާ ނޫސްވެރިންނާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައެއް މެންބަރުން ބައްދަލު ކުރައްވާފައިވެއެވެ.

މީގެ ކުރިން ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް އަބުރުގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޫސްވެރިން އިހްތިޖާޖުކުރިއިރު، ނޫސްވެރިން ހައްޔަރުކޮށް، ރާއްޖޭގައި ހިންގާ އޮންލައިން ނޫހެއް ވެސް ބަންދުކޮށްފައިވެއެވެ.