މިހާރު އޮތް ގޮތަށް ހެއްކާ ބެހޭ ބިލު ފާސްކުރުމަށް ދެކޮޅު ހަދާ ކަމަށާއި، އެ ބިލު އަލުން ކޮމިޓީއަށް ގެންގޮސް އިސްލާހު ކުރުމަށް، ނޫސްވެރިންގެ ޖަމިއްޔާ އިން ގޮވާލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުއްވި ސިޓީގައި ނޫސްވެރިންގެ ޖަމިއްޔާގެ ރައީސް އަލީ ރިފްޝާން ވިދާޅުވީ، ހެއްކާ ބެހޭ ބިލް ދިރާސާކޮށް، ޖުޑީޝަރީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު މިއަދުގެ ޖަލްސާ އަށް ތާވަލުކޮށްފައިވާއިރު، ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފައިވާ އެ ބިލްގެ 136 ވަނަ މާއްދާ ކަމަށްވާ، "މަސްދަރު ހާމަކުރަން މަޖުބޫރެވޭ ހާލަތްތައް ބަޔާންކުރާ" މާއްދާ މިހާރު އޮތްގޮތާ މެދު ނޫސްވެރިންގެ މެދުގައި ކަންބޮޑުވުން އެބަހުރި ކަމަށެވެ.
ރިފްޝާން ވިދާޅުވި ގޮތުގައި:
- އެ މާއްދާ މިހާރު އޮތް ގޮތުން މަސްދަރު ހާމަކުރަން އެންގުމުގެ ފުރުސަތު ކޯޓުތަކަށް ހުޅުވިފައިވޭ
- އެކަމުގެ ސަބަބުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މީހުން ފަސްޖެހޭނެ
- ނޫސްވެރިންނަށް ބޮޑެތި އަދަބުތަކާ ކުރިމަތިލުމުގެ ފުރުސަތު ބޮޑު
އެ ބިލުގެ ކޮމިޓީ މަރުހަލާގައި ވެސް އެ ޖަމިއްޔާއިން ވާނީ ވަރަށް ބޮޑަށް ހިފެހެއްޓިފައިވާ ހާލަތެއްގައި މެނުވީ، މަސްދަރު ހާމަކުރުމަށް އެންގުމުގެ ފުރުސަތު ދެވިގެން ނުވާނޭ ކަމަށް ރިފްޝާން ވިދާޅުވިއެވެ. އަދި ކޮމިޓީގެ ފަރާތުން 136 ވަނަ މާއްދާގެ ދެވަނަ ޑްރާފްޓަކަށް ހިޔާލު ހޯދަން އެ ޖަމިއްޔާ އަށް ފޮނުވި ނަމަވެސް، އެ ޑްރާފްޓަށް ހިޔާލެއް ހޯދުމަށް ވަގުތެއް ދޭން އެދުމުން، އެ ޖަމިއްޔާއިން ހިޔާލެއް ދިނުމުގެ ކުރިން ކޮމިޓީން ވަނީ ބިލް ފާސްކޮށްފައި ކަމަށް ވެސް ވިދާޅުވިއެވެ.
ހަމަ އެހެންމެ، ޖުޑީޝަރީ ކޮމިޓީން އެ ބިލް މިހާރު ފާސްކޮށްފައި އޮތް ގޮތަކީ ނޫސްވެރިންގެ ޖަމިއްޔާ އާއި ގުޅިގެން މަސައްކަތްކުރާ ބައިނަލްއަގުވާމީ ނޫސްވެރިންގެ ފެޑެރޭޝަން (އައިއެފްޖޭ) އާއި އެމްނެސްޓީ އާއި، ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މީގެ ކުރިން ގޮވާލާފައިވާ ގޮވާލުންތަކަށް ފުށޫ އަރާ ކަމެއް ކަން ރިފްޝާން ފާހަގަ ކުރައްވާފައިވެއެވެ.
އެހެންކަމުން، މިހާރު އޮތް ގޮތަށް ބިލް ފާސްކުރުމަން ނޫސްވެރިންގެ ޖަމިއްޔާއިން ދެކޮޅު ހަދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވީމާ، މި އެސޯސިއޭޝަނުން އެދެނީ، މި ޖަމިއްޔާގެ ކަރުދާހުގައި ހުށަހަޅާފައިވާ އިސްލާހުތަކަށް ރިއާޔަތްކޮށްފައި ނޫނީ [ހެއްކާ ބެހޭ] ބިލް މަޖިލިހުގެ ތަޅުމުން ފާސްނުކުރުމަށް." ރިފްޝާންގެ ސިޓީގައިވެއެވެ.
އަދި ކޮމިޓީއަށް ގެންގޮސް އެ ބިލް އަލުން އިސްލާހު ކުރުމަށް ކޮމިޓީއަށް ބާރުއެޅުއްވުމަށް ނަޝީދުގެ އަރިހުން ރިފްޝާން ވަނީ އެދިވަޑައިގެންފައެވެ.
ހެއްކާ ބެހޭ ބިލު އަނބުރާ ގެންދިއުމަށް މީގެ ކުރިން ވެސް ރާއްޖޭގެ ނޫސްވެރިކަމާ ބެހޭ ޖަމިއްޔާތަކާއި، އައިއެފްޖޭ އާއި، ޓްރާންސްޕޭރަންސީން ގޮވާލާފައިވާއިރު، އެ ޖަމިއްޔާތަކުން ބުނީ، އެ އިސްލާހުތަކާ އެކު އެ ބިލު ތަސްދީގު ކޮށް ގާނޫނަކަށް ހަދައިފި ނަމަ، ގާނޫނުއަސާސީގެ 28 ވަނަ މާއްދާ އިން ލިބިދޭ ހައްގުތައް ހަނިވެގެން ދާނެ ކަމަށާއި، މަސްދަރުތައް ހާމަކުރަން ނޫސްވެރިންނަށް މަޖުބޫރު ކުރުވުމަކީ ރާއްޖޭން ބައިވެރިވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށްވެސް ހުރަސް އެޅިގެން ދާނެ ފަދަ ކަމެއް ކަމަށެވެ.