އިގުތިސޯދީ އަދި މާލީ ގޮތުން އިނދަޖެހި، ޒަރޫރީ ގިނަ އުފެއްދުންތަކެއް މުޅިންހެން ހުސްވެފައިވާ އަވަށްޓެރި ސްރީލަންކާގައި ކުރިއަށް އޮތް 2 ހަފުތާގެ މުއްދަތަށް ޕެޓްރޯލް ވިއްކުން މަނާ ކޮށްފިއެވެ.
އެ ގައުމުގެ މިނިވަންކަމުގެ ތާރީހު ދުށް އެންމެ ފުން އިގުތިސޯދީ ހީނަރުކަމުގެ ވަޅުގަނޑަށް ވެއްޓިފައިވާ ސްރީލަންކާގައި ކުރިއަށް އޮތް 2 ހަފުތާގެ މުއްދަތަށް ޕެޓްރޯލް ވިއްކުން މަނާ ކުރި ކަމުގައި ވީ ނަމަވެސް ޒަރޫރީ ހިދުމަތުގެ އުޅަނދުފަހަރަށް ޕެޓްރޯލް ލިބޭނެ ކަމަށް މައުލޫމާތު ލިބެއެވެ.
އެގޮތުން ކުރިއަށް 2 ހަފުތާގެ މުއްދަތުގައި ޕެޓްރޯލް ލިބޭނީ ބަހާއި ރޭލުގެ އިތުރުން ސިއްހީ ހިދުމަތުގައި ބޭނުން ކުރާ އުޅަނދު ފަހަރުގެ އިތުރުން ކާބޯތެކެތި އުފުލުމުގައި ބޭނުން ކުރާ އުޅަނދު ފަހަރަށް އެކަނި ކަމަށް ހަބަރު ލިބެއެވެ.
ސްރީލަންކާގެ ތަރައްގީ ހިސާބުތަކުގެ ސްކޫލްތަކުގެ ކިއެވުން ބަންދު ކޮށްފައި ވާ އިރު، ވަޒީފާ އަދާ ކުރާ ފަރާތްތަކުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ވަނީ ގޮވާލާފައެވެ.
ތެލާއި ކާބޯތަކެތި ފަދަ ޒަރޫރީ މުދާ ގަތުމުގެ ތަނަވަސްކަން މިއަދު ސްރީލަންކާއަށް ގެއްލިފައި ވާ އިރު، ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ އެފަދަ ހަރަދުތައް ފޫބެއްދުމަށް އެހީ ހޯދުމުގެ ގޮތުން ބޭރުގެ ފަރާތްތަކާ މަޝްވަރާ ކުރަމުންނެވެ.
ސްރީލަންކާ ސަރުކާރުން ބުނީ ޕްރައިވެޓް އުޅަނދު ފަހަރަށް ޕެޓްރޯލްއާއި ޑީސަލް ވިއްކުން، ޖުލައި 10 ވަނަ ދުވަހުގެ ނިޔަލަށް މެދުކަނޑާލާފައި ވާ ކަމަށެވެ.
ހުސްވި ހަފުތާ ބަންދުގެ ނިޔަލަށް ލިބިފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އެ ގައުމުގައި މިހާރު ހުރީ އެންމެ 9000 ޓަނުގެ ޑީސަލްއާއި 6000 ޓަނުގެ ޕެޓްރޯލްއެވެ. އަދުގެ ޑިމާންޑަށް ބަލާއިރު އެއީ އެންމެ ހަފުތާއެއްގެ ސަޕްލައިއެވެ.
ސްރީލަންކާ މިއަދު ވެއްޓިފައި ވާ ފުން އަނދަވަޅަށް އެ ގައުމުގެ ވެއްޓުމުގެ ފަހަތުގައި ގިނަ ސަބަބުތަކެއްވެއެވެ. އެގޮތުން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ބަލިމަޑުކަމުގައި މުޅި ދުނިޔެ ހުއްޓުމަކަށް އައި އައުމާއި، ހަކަތައިގެ އަގުތައް އުފުލުމުގެ އިތުރުން ސްރީލަންކާގައި ޓެކްސް ކަނޑާލި ކަނޑާލުން ފާހަގަ ކުރަން ޖެހެއެވެ.
ޕެޓްރޯލު ވިއްކުން މަނާކޮށްފަ ކޮބާތަ، ނެތިގެން ކޮންމެހެން ޒަރޫރީ ޚިދުމަތްތަކުގަ ބޭނުންކުރާ ވެހިކަލްތަކަށް އެކަނި މިވަގުތު ޕެޓްރޯލް ވިއްކާ ގޮތަށް ހަމަޖެހުނީކީ ނޫންތަ.