ރާއްޖެއިން ރޭ ހައްޖަށްދާން ފުރި 157 މީހުން މިހާރު ތިބީ ތިބުމަށް ހަމަޖެހިފައިވާ ހޮޓަލުގައި ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެފިއެވެ.
ރޭ 11:15 ހާއިރު ޖުމްލަ 157 ހައްޖާޖީން ސައުދީ އެއާލައިނުން ފުރިއިރު ރޭ މެންދަމު 3 ޖަހާއިރު ޖިއްދާއަށް ވަނީ ގޮސްފައެވެ.
މި އަހަރު ހައްޖަށް ދިއުމަށް ތިން ރެޔަކަށް ބަހާލައިގެން ހައްޖުވެރިން ފުރުމަށް ހަމަޖެހިފައި ވާއިރު މިރޭގެ އިތުރުން މި މަހުގެ 29 އަދި އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ރޭ ހިމެނެއެވެ. އަދި އެ ރޭ ތަކުގައި 7:00 އިން 8:00 އަށް މަޖީދީމަގާއި އަމީނީ މަގު އަދި އޯކިޑްމަގުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރާއްޖެއަށް މިއަހަރު ލިބުނު 453 ޖާގަ އެއްކޮށް އިސްލާމިކް މިނިސްޓްރީން ދިނީ ހައްޖު ކޯޕަރޭޝަނަށެވެ. އޭގެ ތެރެއިން 352 ޖާގަ ހާއްސަކުރީ ހައްޖަށް ދާން ހައްޖު ކޯޕަރޭޝަންގެ ކިއުގައި މި ވަގުތު ތިބި މީހުންނަށެވެ. ބާކީ 100 ކޯޓާ ވަނީ އާންމުކޮށް ހުޅުވާލާފައެވެ.