އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 7 ގައުމުގެ އިއްތިހާދު (ޖީ-7) އިން، ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ފޯރުކޮށްދޭ 600 ބިލިއަން ޑޮލަރުގެ މާލީ އެހީ ރުކުރުވާލާނެ ގޮތާ ބެހޭ ތަފްސީލުތައް، އެ އިއްތިހާދުން ހާމަ ކޮށްފިއެވެ.

ޖީ-7ގެ އެހީގެ ޕްލޭނަކީ، ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމަށް ފައި ވިއްދައިގެން އޮތް ޗައިނާއިން ތަރައްގީގެ ނަމުގައި ގައުމުތަކުގެ ކޮންޓްރޯލް ނެގުމަށް ހިންގާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓީވް (ބީއާރްއައި)އާ ކުރިމަތިލުމަށް ބެހެއްޓި ހަތިޔާތެއް ކަމަށް ސިފަ ކުރެވެއެވެ.

އެތައް ޓްރިލިއަން ޑޮލަރެއްގެ ބީއާރްއައި މަޝްރޫއުތަކަކީ ގައުމުތައް ދަރަނި ދަންތުރާގައި ޖައްސާ މަޝްރޫއުތަކެއް ކަމަށް ބުނެ، ޗައިނާއަށް ގިނަ ފާޑުކިއުންތަކެއް، ސިލްސިލާ ގޮތެއްގައި އަމާޒުވެއެވެ.

ޖީ-7ގެ ޕާޓްނާޝީޕް ފޮ ގްލޯބަލް އިންފްރާސްޓްރަކްޗާ އެންޑް އިންވެސްޓްމަންޓް (ޕީޖީއައިއައި) އެންމެ ފުރަތަމަ ލޯންޗްކުރީ މިދިޔަ އަހަރު އިންގްލަންޑްގައި ކުރިއަށް ގެންދިޔަ ޖީ-7ގެ މަޝްވަރާތަކުގައެވެ.

ޕީޖީއައިއައި ޕްލޭނަކީ، ދަށް އަދި ފެންތީގެ ގައުމުތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް 5 އަހަރު ދުވަހުގެ ތެރޭގައި 600 ބިލިއަން ޑޮލަރު އެއްކުރުމަށް ޖީ-7ގެ ލީޑަރުންނަށް ގޮވާލާ ޕްލޭނެކެވެ.

ފަންޑަށް ބޭނުންވާ ފައިސާގެ ތެރެއިން 200 ބިލިއަން ޑޮލަރު ނުވަތަ 162 ޕައުންޑް ދޭނެ ކަމަށް އެމެރިކާއިން ވައުދުވެފައި ވާއިރު ވިލާތުގެ އިއްތިހާދުން ވަނީ 257 ޕައުންޑްގެ ވައުދެއްވެފައެވެ.

މި ފައިސާ ހަރަދު ކުރުމަށް ހަމަޖެހިފައި ވަނީ މޫސުމީ ނޭދެވޭ ބަދަލުތަކާ ކުރިމަތިލުމާ، ދުނިޔޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމާއި، ދެ ޖިންސުގެ ހަމަހަމަކަން ހާސޮލު ކުރުމުގެ އިތުރުން ޑިޖިޓަލް އުމްރާނީ ތަރައްގީ ބިނާ ކުރުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

ޖީ-7ގެ ޕީޖީއައިއައި މަޝްރޫއުގެ ތެރެއިން ހިންގާ، ފާހަގަ ކޮށްލެވޭ ބައެއް މަޝްރޫއުތަކަށް ބަލާއިރު އެންގޯލާއަށް އަމާޒު ކޮށްފައިވާ އިރުގެ އަވިން ހަކަތަ އުފެއްދުމުގެ މަޝްރޫއާ، ސެނެގާލްގައި ވެކްސިން އުފައްދާ ފެސިލީޓީއެއް ގާއިމު ކުރުމުގެ އިތުރުން މިސްރާއި އެފްރިކާ މަގުން ސިންގަޕޫރާއި ފަރަންސޭސިވިލާތޔް ގުޅާ ދޭ 1609 ކިލޯމީޓަރު ސަބްމެރީން ކޭބަލް މަޝްރޫއު ހިމެނެއެވެ.