މުޖުތަމައުގެ އާންމު އަހުލާގީ މިންގަނޑާ ހިލާފު މައުލޫމާތު ނުފެތުރުމަށާއި ޒިންމާދާރު ކަމާއެކު ހަބަރާއި މައުލޫމާތު ފެތުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސް ކޮށްފިއެވެ.

އެމްއެމްސީން މިހެން ބުނެފައި ވަނީ މިދުވަސްވަރު ދައުރުވަމުން ދާ، އެއްޖިންސުން ގުޅުން ހިންގާ ފޮޓޯ އަދި ވީޑިއޯތަކާ ގުޅިގެން އެކި ހަބަރުތައް ޝާއިއު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނީ، ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ހައްގު ކޮންމެ މީހަަކަށް ގާނޫނު އަސާސީން ލިބިފައިވާއިރު މިނިވަންކަމުގެ ހައްގަކީ ވަކި ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކަކާ އެކު ބޭނުންކުރަން ޖެހޭނެ ހައްގެއްކަމުގައި ވެސް ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، ނޫސްވެރިންނާއި މީޑއާތަކުން އެ ހައްގު ބޭނުންކުރުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނާއި ގަވާއިދަކާއި އަދި ދިވެހި މީޑިއާގެ ހަމަތަކާ އަހުލާގީ މިންގަނޑާ އެއްގޮތަށް ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެމްސީން ވަނީ އިލްތިމާސް ކޮށްފައެެވެ.

އެގޮތުން އާންމު ފަރުދުންގެ އިތުރަށް ނުވަތަ ހައްގަކަށް އުނިކަމެއް އަތުވެދާނެފަދަ މައުލޫމާތަކަށް ވާ ނަމަ، އެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު ނޫނީ އެ މައުލޫމާތެއް ފެތުރުމަކީ ދިވެހި މީޑިއާގެ އާންމު ހަމަތަކާ ވެސް ހިލާފު ކަމެއް ކަމަށް އެމްއެމްސީން ބުނެއެވެ. އަދި ހަބަރު ފެތުރުމުގައި އެކަމެއްގައި ސާމިލުވާ ހުރިހާ ފަރާތްތަކެއްގެ ވެސް ބަސް ހިމަނައިގެން ހަބަރާއި މައުލޫމާތު ޝާއިއު ކުރުމަކީ ލާޒިމުކުރާ ކަމަށް އެމްއެމްސީން ވަނީ ބުނެފައެވެ.

އެހެންކަމުން، ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާކީ މިންގަނޑުގައި މީޑިއާގެ ވަސީލަތްތަކުގައި ސާއިއުކުރާ ހަބަރާއި މައުލޫމާތަކީ ސައްހަ ތެދު މައުލޫމާތުކަން ކަށަވަރުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ނޫސްވެރިންނަށާއި މީޑިއާތަށް އެމްއެމްސީން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން، މައުލޫމާތު ހޯދައި ހިޔާލު ފާޅުކުރުމާއި ފާޑުކިއުމުގެ ތެރޭގައި، ނުފޫޒުން އެއްކިބާވެ، ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އަބަދުމެ ހިމާޔަތްކޮށް ދެމެހެއްޓުމަކީ އެމްއެމްސީން ބާރުއަޅާކަމެއް ކަމަށް ވެސް އެކައުންސިލުން ވަނީ ބުނެފައެވެ.