ޔޯގާ ދުވަހާ ގުޅޭ ގޮތުން ސިޓީއެއް ފުލުސް އޮފީހަސް ނުފޮނުވާ ކަމަށާއި ފަތުވާ ނެރުނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީއިން މިފަދައިން ބުނެފައިވަނީ ޔޯގާ ޑޭގެ ހަރަކާތް ހިންގުމުގެ 6 ދުވަސް ކުރިން މި މަހުގެ 15 ވަނަ ދުވަހު އެ މިނިސްޓްރީއިން ފުލުހަށް ހުށައަޅާފައިވާ ސިޓީއެއް އާންމުވުމުން ޔޫތު މިނިސްޓްރީއިން ނެރުނު ބަޔާނާ ގުޅިގެންނެވެ.

އިސްލާމިކް މިނިސްޓްރީއިން ފުލުހަށް ހުށައެޅި ސިޓީގައި ވަނީ ޔޯގާ އަކީ އަޅުކަމެއްގެ ގޮތުގައި ހިމެނޭ ކަމެއް ކަމަށާއި އެއީ ހިންދޫންގެ ދީނީ ސަގާފަތާ ގުޅޭގޮތުން ނަންދީ އިރަށް އަޅުކަން ކޮށް މިއުޒިކް ވެސް ހިމެނޭ ހަރަކާތެއް ކަމަށެވެ. އަދި އިސްލާމީ ޝަރީއަތާ ހިލާފު ކަމެއް ކަމަށް ވާތީވެ، ޔޯގާގެ ހަރަކާތް ހިންގާ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންނަށް ގޮވާލައިފައެވެ.

އެކަމާ ގުޅިގެން ޔޫތު މިނިސްޓްރީއިން ބުނީ އިންޓަނޭޝަނަލް ޑޭ އޮފް ޔޯގާ ފާހަގަ ނުކުރުމަށް އިސްލާމިކް މިނިސްޓްރީ އަދި ދައުލަތުގެ އެއްވެސް އިދާރާއަކުން އަންގާފައި ނުވާ ކަމަށާއި އިސްލާމް ދީނާއި ހިލާފު ކަމެއް ޔޫތު މިނިސްޓްރީން ނުކުރާނެ ކަމަށެވެ. އަދި ބައެއް މައްސަލަތަކަކީ އިލްމުވެރިންގެ މެދުގައި ހިލާފު އުފެދިފައިވާ ކަންތައްތަކެއްކަމުން ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެފަދަ މައްސަލަތަކާއި ގުޅޭގޮތުން ކަމާ ގުޅޭ އިދާރާތަކުން ސާފުކޮށް ރައުޔު ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށް އެ މިނިސްޓްރީއިން ވަނީ ފާހަގަކޮށްފައެވެ.

މިއަދު އިސްލާމިކް މިނިސްޓްރީއިން ބުނީ އެ ސިޓީ ފޮނުވީ ޔޯގާ ދުވަހާ ގުޅިގެން ނޫން ކަމަށާއި އެ ސިޓީގައި ހިމެނޭ ފަތުވާ ނެރެފައިވަނީ އެފަދަ ކަންތައްތަކުގައި އަމަލުކުރުމަށް ކަނޑައަޅިފައިވާ އިޖުރާތުތަކާއި ހިލާފަށް ކަމަށެވެ. އަދި ޔޯގާގެ ޝަރުއީ ހުކުމާމެދު ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ތަފްސީލީ ފަތުވާއެއް ހޯދުމަށް ފަހު އާންމު ކުރާނެ ކަަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

އިންޑިއާގެ ހައި ކޮމިޝަނާއި، އިންޑިއަން ކަލްޗަރަލް ސެންޓަރާ ގުޅިގެން ގަލޮޅު ދަނޑުގައި މިދިޔަ އަންގާރަ ދުވަހު ވަނީ ޔޯގާގެ ހަރަކާތް ކުރިއަށް ގެންގޮސްފައެވެ. އެ ހަރަކާތް ކުރިއަށް ދިޔަ ވަގުތު ބަޔަކު އަރައިގަނެ ހަމަނުޖެހުން ހިންގާފައިވާއިރު، އެ މައްސަލައިގައި 21 މީހަކު ހައްޔަރުކޮށްފައިވެއެވެ.